ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިން މަޝްރޫއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިޔުމުން، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.

އަމިއްލަ ކުންފުންޏަކުން ފެށި ކޭ-ޕާކް ރެސިޑެންސް މަޝްރޫއިން ފްލެޓް ގަތުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށް ގިނަ އަދަދެއްގެ ބަޔަކު ޑައުންޕޭމަންޓް ދައްކައި އަދި ބައެއް މީހުން ފްލެޓްގެ ޖުމްލަ އަގު ދެއްކި ނަމަވެސް މަޝްރޫއުގެ މަސައްކަތް ނުނިމި އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާކަމަށް މުހައްމަދު އިބްރާހީމް ވަނީ ފާހަގަކުރައްވާފައެވެ.

މި ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވަނީ އެ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކުމަށް އެއްބަސްވެފައިވާ ކަމަށާއި ފްލެޓް ވިއްކުމުގެ ނަމުގައި ވަރަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާކަން އެނގެން އޮތް ކަމަށެވެ. އަދި ފްލެޓް ދޭނެ ފަރާތެއް ކަނޑަނޭޅި ލަސްވަމުން ދިއުމުގެ ސަބަބުން، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން ކުޑަވެ، ފައިސާ ދެއްކުމަށްފަހު ފްލެޓް ނުލިބި ލަސްވަމުން ދިއުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ އެ ފައިސާ އެ މަޝްރޫގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެ ގަރާރުގައިވަނީ ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ. މި މައްސަލަތައް ހައްލުކޮށްދޭތޯ ދައުލަތުގެ އިދާރާތަކަށް ސިޓީ ފޮނުވައި ވެރިންނާ ބައްދަލުކުރުމަށް އެދުނު ނަމަވެސް އެއްވެސް ފަރާތަކުން އެކަށީގެން ވާ ޖަވާބެއް ލިބިފައިނުވާތީ މި ގަރާރު ހުށަހެޅީ މިކަމުގައި މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކުރުމަށްކަމަށް ބަޔާންކޮށްފައިވެއެވެ.