ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިން މަޝްރޫއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިޔުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަތުމަށް ފާސްކޮށްފިއެވެ.
އަމިއްލަ ކުންފުންޏަކުން ފެށި ކޭ-ޕާކް ރެސިޑެންސް މަޝްރޫއިން ފްލެޓް ގަތުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށް ގިނަ އަދަދެއްގެ ބަޔަކު ޑައުންޕޭމަންޓް ދައްކައި އަދި ބައެއް މީހުން ފްލެޓްގެ ޖުމްލަ އަގު ދެއްކި ނަމަވެސް މަޝްރޫއުގެ މަސައްކަތް ނުނިމި އަހަރުތަކެއް ފާއިތުވެގެން ދިއުމާއި ގުޅިގެން މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގަތުމަށް 61 މެންބަރުން ވޯޓު ދެއްވިއިރު، މި ގަރާރު ދިރާސާ ކުރުމަށް ގެދޮރުވެރިކަމުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައިވަނީ އެ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކުމަށް އެއްބަސްވެފައިވާ ކަމަށާއި ފްލެޓް ވިއްކުމުގެ ނަމުގައި ވަރަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާކަން އެނގެން އޮތް ކަމަށެވެ. އަދި ފްލެޓް ދޭނެ ފަރާތެއް ކަނޑަނޭޅި ލަސްވަމުން ދިއުމުގެ ސަބަބުން، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން ކުޑަވެ، ފައިސާ ދެއްކުމަށްފަހު ފްލެޓް ނުލިބި ލަސްވަމުން ދިއުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ އެ ފައިސާ އެ މަޝްރޫގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލަތައް ހައްލުކޮށްދޭތޯ ދައުލަތުގެ އިދާރާތަކަށް ސިޓީ ފޮނުވައި ވެރިންނާ ބައްދަލުކުރުމަށް އެދުނު ނަމަވެސް އެއްވެސް ފަރާތަކުން އެކަށީގެން ވާ ޖަވާބެއް ލިބިފައިނުވާކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.