އެތައް ބަޔަކަށް ކޭ ޕާކް ފްލެޓް ވިއްކުމުގެ މައްސަލައިގައި 95 ދައުވާއެއް އުފުލި ހަސަން މަމްދޫހު (މަންޑޭ) އާއެކު އެ މުއާމަލާތުގައި ހިމެނޭ ޖައިޝާން ސައީދު 159 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައިވާ 'ކޭ ޕާކް ރެޒިޑެންސް' ހިމެނޭ އެޕާޓްމަންޓުތަކުގެ ތެރެއިން ބައެއް ޔުނިޓުތައް އެތައް ބަޔަކަށް ވިއްކާ ފައިސާ ހޯދާފައިވާ މައްސަލަތައް ފެންމަތިވެފައި ވާއިރު، އެ މައްސަލާގައި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން 86 ދައުވާއެއް ވަނީ ސާބިތު ވެފައެވެ.
ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް އިއްވީ 159 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާގައި 139 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 13 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.
މި މައްސަލައިގައި ޖައިޝާން ގެ އިތުރުން ހިމެނޭ މަންޑޭ އަކީ، 'ކޭ ޕާކް ރެޒިޑެންސް' ތަރައްގީ ކުރުމަށް ހެދި ހަމްބޯ ކުންފުނީގެ އެއް ހިއްސާދާރެވެ. މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް އައި އިރު، މި ދެ މީހުން ޖަލަށްލުމުގެ އިތުރުން އެ މީހުން ފައިސާ ނެގި މީހުންނަށް އެ ފައިސާ 6 މަސް ދުވަސް ތެރޭގައި އަނބުރާ ދިނުމަށް ވެސް ހުކުމް ކޮށްފައި ވެއެވެ.
އެ މައްސަލައިގައި ހިމެނޭ މީހުންގެ އަދަބުގެ ބައެއް ގޭބަންދަށް ބަދަލު ކޮށް ޖޫރިމަނާއަކަށް ބަދަލު ކޮށްދޭން އެދުނު ނަމަވަސް މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ، ކުށްކުރި ގޮތަށް ބަލާއިރު އަދަބަށް ބަދަލު ގެނެވެން ނެތް ކަމަށެވެ.
ގާޒީ ފާހަގަ ކުރެއްވި ގޮތުގައި ކުށްކޮށްފައިވާ ގޮތަށް ބަލާއިރު ހުރީ އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ހާލަތުތަކެކެވެ. އަދި އެ މީހުން ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އެހެން މީހުންނަށް އިބްރަތަކަށް ވާނެ ފަދަ އަދަބެއް އެ ދެ މީހުންނަށް ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޖުމްލަ 397 އަހަރުގެ ޖަލު ހުކުމެއް މަންޑޭ އަށް އިއްވި އިރު، ޓެކުމުގެ ދައުވާތަކުގެ ތެރެއިން 46 ދައުވާއަކުން ކުރެ ކޮންމެ ދައުވާއަކަށް 8 އަހަރުގެ ޖަލު ހުކުމެއްގެ މަގުން ޖުމްލަ 368 އަހަރު ވަނީ އިއްވާފައެވެ. އަދި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވެއެވެ. އަދި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކަށް ދޮޅު އަހަރު ވަނީ އިއްވާފައެވެ.
397 އަހަރުގެ ޖަލު ހުކުމާއެކު، މަންޑޭ ވަނީ 30 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. އަދި އޭނާ ފައިސާ ނެގި މީހުންނަށް ފައިސާ އަނބުރާ ދިނުމަށް ވެސް އަމުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ފުރިހަމަކޮށް ހުށަހަޅާފައިވާ، ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދައުވާތައް ކޮށްފައި ވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
