އެތައް ބަޔަކަށް ކޭ ޕާކް ފްލެޓް ވިއްކުމުގެ މައްސަލައިގައި 94 ދައުވާއެއް އުފުލި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައިވާ 'ކޭ ޕާކް ރެޒިޑެންސް' ހިމެނޭ އެޕާޓްމަންޓުތަކުގެ ތެރެއިން ބައެއް ޔުނިޓުތައް އެތައް ބަޔަކަށް ވިއްކާ ފައިސާ ހޯދާފައިވާ މައްސަލަތައް ފެންމަތިވެފައި ވާއިރު، އެ އެޕާޓުމަންޓުތައް ތަރައްގީ ކުރުމަށް އުފެއްދި ކުންފުނީގެ އެއް ހިއްސާދާރަކީ މަންޑޭއެވެ.

ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި މައްސަލާގައި ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުން ދިނުމުގެ 3 ދައުވާ އާއި މަނީ ލޯންޑްރިންގެ ހިމެނޭ ގޮތަށް ޖުމްލަ 94 ދައުވާއެއް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ.

ޖުމްލަ 397 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ޓެކުމުގެ ދައުވާތަކުގެ ތެރެއިން 46 ދައުވާއަކުން ކުރެ ކޮންމެ ދައުވާއަކަށް 8 އަހަރުގެ ޖަލު ހުކުމެއްގެ މަގުން ޖުމްލަ 368 އަހަރު ވަނީ އިއްވާފައެވެ. އަދި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވެއެވެ. އަދި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކަށް ދޮޅު އަހަރު ވަނީ އިއްވާފައެވެ.

397 އަހަރުގެ ޖަލު ހުކުމާއެކު، މަންޑޭ ވަނީ 30 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. އަދި އޭނާ ފައިސާ ނެގި މީހުންނަށް ފައިސާ އަނބުރާ ދިނުމަށް ވެސް އަމުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ފުރިހަމަކޮށް ހުށަހަޅާފައިވާ، ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދައުވާތައް ކޮށްފައި ވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.