އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލުގެ ދެކުނަށް ދިން ހަމަލާއަކީ ދެވަނަ ބޮޑުހަނގުރާމަ އާ އެއްވަރުގެ ކަމެއް ކަމަށް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ބުނުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ. މީގެ ކުރިން އެ ހަމަލާ އަކީ, ނޮވެމްބަރު 11 ގައި އެމެރިކާގެ ޓްވިންޓަވަރު ގޮއްވާލި ހާދިސާފަދަ ހާދިސާއެއް ކަމަށް ނަތަންޔާހޫ ބުނެފައި ވާއިރު, މިފަހަރު އުފަން މިކުރި އާ ތަރުޖަމާއަކީ 2 ވަނަ ބޮޑުހަނގުރާމައިގެ ތާރީހުވެސް އޮޅުވާލައިގެން އޭނާ ނެރުނު ތަރުޖަމާއެކެވެ.
އެނަލިސްޓުން ބުނީ, އޭނާ އެވާހަކަ ދެއްކި އިރު ދެވަނަ ބޮޑުހަނގުރާމަ ކަމަށް ބުނީ 1944 ކަމަށާއި ނަމަވެސް އެއީ 1945 ގައި އިނގިރޭސީން ކޯޕަންހޭގަންގައި ހުރި ސްކޫލަކަށް ބޮން އަޅާ 86 ކުދިން މަރާލި ހާދިސާއެވެ. އެއީ ދެވަނަ ބޮޑުހަނގުރާމައިގައި ޖަރުމަނު ބަލިކުރުމަށް އިނގިރޭސީންނާއި, ރަޝިއާ އަދި އެމެރިކާ ގުޅިގެން ހިންގި އޮޕަރޭޝަންގެ ތެރޭގައި ހިންގާފައިވާ ޖަރީމާއެކެވެ.
ނަތަންޔާހޫ ބުނީ, އިނގިރޭސީން އޭރު ދިން އެ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ނޫން ކަމަށާއި އެއީ ބަޔަކު [ޖަރުމަނުން[ ދިން ހަމަލާތަކުގެ ބަދަލު ހިފުމަށް ދިން ސައްހަ ހަމަލާތަކެއް ކަމަށެވެ.
ދެވަނަ ބޮޑުހަނގުރާމަ އަކީ މުޅި ޔޫރަޕް ހިފުމަށް ޖަރުމަނުގެ އޭރުގެ ވެރިޔާ އެޑޮލްފް ހިޓްލަރު ހިންގި ވަރުގަދަ އުދުވާނެކެވެ. އެ އުދުވާނުގައި އޭނާގެ އެންމެ މުހިންމު ޓާގެޓަކަށް ވީ ހުރިހާ ޔަހޫދީން މެރުމެވެ. ޔޫރަޕުގެ ގައުމުތަކަށް އަރާ ހިފަމުން ހިފަމުން ގޮސް, ރަޝިއާ ހިފަން މޮސްކޯއާ 50 މޭލު ކައިރިއަށް ވަނެވެ. އިނގިރޭސިވިލާތް ހިފަން އެތަނަށް ބޮން އެޅިއެވެ. އޭރު މުޅި އޭޝިއާ ހިފަން ޖަޕާނުން ގެންދިޔައީ އޭޝިއާގެ ގައުމުތަކަށް ހަމަލާ ދެމުންނެވެ. ޖަޕާނާއި ޖަރުމަނު ކޯލިޝަނެއްގައި އެ ހަނގުރާމަ ކުރަމުން ގޮސް ޖަޕާނުން އެމެރިކާގެ ޕާލް ހާބަރަށް ހަމަލާ ދިން ހިސާބުން އެމެރިކާއިންވެސް އެ ހަނގުރާމައިގެ ތެރެއަށް ވަނެވެ. އެއާއެކު އެމެރިކާ, ރަޝިއާ އަދި އިނގިރޭސިވިލާން ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކޮށް, ޖަޕާނާއި ޖަރުމަނު ބަލިކުރިއެވެ.
ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ގާޒާއަށް އަރާ އާންމުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރަމުން ދަނީ, އެ ހާދިސާއާ ގުޅުވައި އެއީ, އެމީހުންނަށް ވެސް ކުރެވޭނެ އަދި ހުއްދަ ކަމެއް ކަމުގައި ތަރުޖަމާ ކުރަމުންނެވެ.
ދެވަނަ ބޮޑުހަނގުރާމައިގައި ޖަރުމަނުގެ 25,000 އާއި 35,000 އާ ދެމެދުގެ އަދަދެއްގެ އާންމުން މަރުވި އިރު, 26 ކިލޯމީޓަރު ހަމަނުވާ ގާޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާރުވެސް 20,000 މީހުން ޝަހީދު ކޮށްލައިފިއެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ އެ ހާދިސާއަކީ މިހާރުގެ އިޒްރޭލު ފަލަސްތީންގެ ބިމުގައި އުފަން ކުރަން މެދުވެރިވި ހާދިސާ ކަމަށް ވާއިރު, 1948 ގައި އިޒްރޭލު ގާއިމުވުމާއެކު ފަލަސްތީން ބިމުން 750,000 މީހުން ބޭރު ކޮށްލައި 500 އެތައް ވިލެޖެއް ތަޅާ ހުސްކޮށްލިއެވެ.
އިޒްރޭލުން ގާޒާއަށް އަރާ މިހާރު ދެމުން ގެންދާ ހަމަލާތަކަކީ ނަސްލު ނައްތާލުމުގެ ހަމަލާތަކެއް ކަމަށް ވާއިރު, ފަލަސްތީން ހުސްކޮށް އެ ބިމުން އެންމެން ނެރެން އިޒްރޭލުގެ އެތައް އޮފިޝަލުންނެއް މިހާރުވެސް ދަނީ ގޮވާލަމުންވެ.
ގާޒާގައި 2.3 މިލިއަން މީހުން ދިރިއުޅޭ އިރު މިއަދުގެ ހާލަތަކީ, އެމީހުން ބަނޑަށް ޖައްސައި ގެދޮރުން ނެރެ, ބޯފެނާއި ކާބޯތަކެއްޗާއި އެނޫންވެސް އަސާސީ ހައްގުތަކުން މަހުރޫމް ކޮށް, އުނު އޮރިޔާން ކޮށް ގަންހިންގުވާ ހެދުމެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގައި ޔަހޫދީންނަށް ޖަރުމަނުން ޖެއްސި އަހުވަ ތަކުރާރު ކުރުމެވެ. އެ ހާދިސާގައި ޔަހޫދީން މެރުމުގެ އިތުރުން އެތައް ސަތޭކަ ބަޔަކު ބަންދު ފެކްޓަރީ ތަކުގައި ތަޅުލައިފައި ވެސް ބޭއްތިއްބިއެވެ. ކާން ނުދީ, ބޯފެންތިކެއް ނުދީ އެމީހުން ބޭތިއްބުމުގެ އިތުރުން އުނުއޮރިޔާން ކޮށް, އެތައް ބަޔަކު މަރާ ފުނިފުންޏަށް ޖަހާވެސް ހެދިއެވެ.
މިއަދު މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން އެ އުދުވާން ތަކުރާރު ކުރާ އިރު, ދެވަނަ ބޮޑުހަނގުރާމަ އަކީ މުސްލިމުންގެ ފަރާތުން އުފެދިގެން އައި ހަނގުރާމައެއް ނޫނެވެ. އަދި މުސްލިމުންގެ ބައިވެރިވުމެއް ވެސް އެކަމުގައި ނެތެވެ.
އިޒްރޭލުގެ އުދުވާން ހުއްޓާލުމަށް ދުނިޔޭގެ ގިނަ ގައުމަކުން ގޮވާލަމުން ގެންދާ އިރު, އިއްޔެ އދ ގެ އާންމު މަޖިލީހުގައި ވަނީ, އިންސާނީ އެހީ ފޯރުކޮށްދިނުން ފުޅާ ކުރުމަށާއި އެކަމަށް ހޭދަކުރާ މިންވަރު އިތުރު ކުރުމަށް ގަރާރެއް ފާސްކޮށްފައެވެ. އެމެރިކާ އާއި ބައިވެރިވާ ގައުމުތަކުގެ އެހީގައި މި ގަރާރު ފާސްކުރުމަށް ފަހު ރޭ އދ މަޖިލީހުގައި އެމެރިކާގެ އެމްބެސެޑަރު ވިދާޅުވީ, އެއީ ތާރީހީ ކާމިޔާބީއެއް ކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި މިހާތަނަށް ވެއްދި ހުރިހާ ގަރާރެއް އެމެރިކާއިން ވީޓޯ ކޮށް ވަނީ ބޭރުކޮށްލާފައެވެ.