ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގައި ޖެޓް އިންޖީނު އެޅި ޑްރޯން ބޭނުންކުރަން ފެށުމާ ގުޅިގެން، އާންމުން މަރުވާ ނިސްބަތް އިތުރުވެއްޖެއެވެ.

އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ޔޫކްރެއިނުގެ މީލާ އަވަށުގެ ހަތިޔާރު ގުދަނަކަށް ރަޝިއާއިން ދިން ޑްރޯން ހަމަލާއެއްގައި 38 މީހުން ވަނީ މަރުވެފައެވެ. އަދި ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު މުޅި ގައުމަށް ދިން އެކި ހަމަލާތަކުގައި އިތުރު 12 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ޔޫކްރެއިނުގެ ވައިގެ ސިފައިންގެ ތަރުޖަމާނު ޔޫރީ އިގްނަޓް ވިދާޅުވި ގޮތުގައި، އޮގަސްޓު މަހު ރަޝިއާއިން ވަނީ 2،800 އެއްހާ ޖެޓް ޑްރޯން ފޮނުވާލާފައެވެ. މިއީ ޖުލައި މަހު ފޮނުވާލި 1،500 ޑްރޯންއާ އަޅައިބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޕްރޮޕެލަރ ޑްރޯންތަކުގެ 90 ޕަސެންޓް ޔޫކްރެއިނުން ވައްޓާލާއިރު، ޖެޓް ޑްރޯންތަކުގެ ތެރެއިން ވައްޓާލެވެނީ ގާތްގަނޑަކަށް 60 ޕަސެންޓެވެ. ސަބަބަކީ މި ޑްރޯންތައް އާދައިގެ މަތިންދާބޯޓެއްގެ ދުވެލީގެ ދެބައިކުޅަ އެއްބައި ހަލުވިމިނުގައި ދަތުރުކުރުމެވެ.

ޔޫކްރެއިނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި އޮގަސްޓު މަހު ރަޝިއާގެ 42،020 ސިފައިންނަށް ވަނީ ގެއްލުންވެފައެވެ. މިއީ ޖުލައި މަހުގެ 42،860 އަށް ވުރެ ކުޑަ ތަންކޮޅެއް ދަށް އަދަދެއް ނަމަވެސް، ޖޫން މަހުގެ 39،290 އަށް ވުރެ މަތީ އަދަދެކެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން ކުރިއަށް އޮތް މަހު އިތުރު 3 ލައްކަ މީހުން ސިފައިންގެ ލަޝްކަރަށް ނެރުއްވާނެ ކަމަށް އިންޓެލިޖެންސް މައުލޫމާތުން ދައްކައެވެ. މިހާރު ރަޝިއާއިން މަހަކު ސިފައިންނަށް ނަގަނީ 32،500 އެއްހާ މީހުން ކަމަށް ޔޫކްރެއިނުން އަންދާޒާކުރެއެވެ.

ހަނގުރާމައިގެ މައިދާނަށް ބަލާއިރު، އޮގަސްޓު މަހު ޔޫކްރެއިނުން ވަނީ އެ ގައުމުގެ 130 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް މިނިވަންކޮށްފައެވެ. އެމެރިކާގެ އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ (އައިއެސްޑަބްލިއު) އިން އަންދާޒާކުރާ ގޮތުގައި، އޮގަސްޓު މަހު ރަޝިއާއަށް ހިފިފައިވަނީ 90 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ރަޝިއާއިން ހިފި ސަރަހައްދުގެ ފަސްބައިކުޅަ އެއްބަޔަށް ވުރެ ވެސް ކުޑަ މިންވަރެކެވެ. އެ އިންސްޓިޓިއުޓުން އަންދާޒާކުރާ ގޮތުގައި މި އަހަރުގެ ހޫނު މޫސުމުގެ މަސްތަކުގައި ރަޝިއާއަށް ހިފިފައިވަނީ 160 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައި ހިފި 1،440 އަކަ ކިލޯމީޓަރާ އަޅައިބަލާއިރު 90 ޕަސެންޓް ދަށް އަދަދެކެވެ.

ރަޝިއާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ޔޫކްރެއިނުން ވަނީ ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ހަމަލާދޭން ފަށާފައެވެ. ޔޫކްރެއިނުގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، އޮގަސްޓު މަހު އެކަނި ވެސް ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުގެ 33 ތަނެއް ވަނީ ހަލާކުކޮށްލާފައެވެ. މީގެ އިތުރުން، ތެޔޮ ސާފުކުރާ 12 ކާރުހާނާއަކަށާއި، ގޭސް ޕްރޮސެސްކުރާ ދެ ތަނެއްގެ އިތުރުން ތެޔޮ ބޭރުކުރާ ތިން ޓާމިނަލަކަށް ވެސް ހަމަލާދީފައިވެއެވެ.

ޔޫކްރެއިނުގެ އަސްކަރީ އިންޓެލިޖެންސާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ހަނގުރާމައިގެ ކުރިން ރަޝިއާއިން ބޭރުކުރި މިންވަރާ އަޅައިބަލާއިރު ބައެއް ބާވަތްތަކުގެ އެކްސްޕޯޓު ވަނީ 80 ޕަސެންޓް ދަށަށް ގޮސްފައެވެ. ހާއްސަކޮށް ކަޅު ކަނޑުގެ ނޮވޮރޮސިސްކް ބަނދަރުން ރަޝިއާއިން ބޭރުކުރި ތެލުގެ މިންވަރު ޖުލައި މަހު ދުވާލަކު 8 ލައްކަ ފީފާގައި ހުރުމަށްފަހު، އޮގަސްޓު މަހު ވަނީ ދުވާލަކު 350،000 ފީފާއަށް ވެއްޓިފައެވެ. ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކާ ހެދި ރަޝިއާގެ ކަޅު ކަނޑުގެ ފްލީޓް ވަނީ ނޮވޮރޮސިސްކް ބަނދަރުގައި ތާށިވެފައެވެ.

ތެލުގެ ސިނާއަތަށް ދިން ހަމަލާތަކުގެ ސަބަބުން ރަޝިއާގެ އެތެރޭގެ އިގުތިސާދަށް ވެސް ވަނީ އަސަރުކޮށްފައެވެ. ޕެޓްރޯލް ސްޓޭޝަންތަކުގައި ކިއުތައް ދިގުވެ، އަގުތައް ވަނީ އުފުލިފައެވެ. އަދި ސިފައިންނަށާއި ދަތުރުފަތުރުގެ ސިނާއަތަށް ބޭނުންވާ ތެޔޮ ހޯދުމަށްޓަކައި، ރަޝިއާއިން ވަނީ ޑީސަލް އެކްސްޕޯޓުކުރުން މަނާކޮށްފައި އޮތް އޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ރަޝިއާއިން ހިފާފައިވާ ކްރައިމިއާގައި ވެސް ތެލުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް، އެ ސަރަހައްދަށް ރަޝިއާއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު ސަރްގޭ އަކްސިޔޮނޯވް ވަނީ ސެޕްޓެމްބަރު 2 ވަނަ ދުވަހު ވިދާޅުވެފައެވެ.