ސްރީލަންކާގެ ޖަފްނާ ސަރަހައްދުގެ ޗެމްމަނީގައި ހުރި ގަބުރުސްތާނެއް ކޮނުމުގެ ތެރޭގައި 572 މީހެއްގެ ކަށިތައް ފެނިއްޖެއެވެ.
މި ކަށިތައް ފެނިފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެ ސަރަހައްދުގައި މީހުން އަންދާ ތަނެއް ބޮޑުކުރުމަށްޓަކައި ބިންގަނޑު ކޮނުމުގެ ތެރޭގައެވެ. އޮގަސްޓު މަހާ ހަމައަށް އައިއިރު، އާކިއޮލޮޖިސްޓުން ވަނީ މި ސަރަހައްދު ކޮނުމުގެ ތިންވަނަ ފިޔަވަހި ނިންމާލާފައެވެ.
ފެނުނު ކަށިތަކުގެ ތެރޭގައި ކުޑަކުދިންނާއި ތުއްތު ކުދިންގެ ކަށިތައް ހިމެނެއެވެ. އަދި މަރުވެފައިވާ މީހުން ބޭނުންކުރި ތަކެތީގެ ތެރޭގައި އުޅާއާއި، ސްކޫލް ދަބަހާއި، ކިރުފުޅި ފަދަ ތަކެތި ފެނިފައިވެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ސްރީލަންކާއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ގަބުރުސްތާނެވެ.
ސްރީލަންކާގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މިއީ އާންމުކޮށް ހިންދޫން މީހުން ވަޅުލާ ގޮތަށް ވަޅުލާފައިވާ ބައެއް ނޫނެވެ. ގިނަ މީހުންގެ ކަށިތައް ފެނިފައިވަނީ އަންނައުނާ ނުލައި، ވަރަށް ތޮއްޖެހޭ ގޮތަށް އަދި ބައެއް ހާލަތްތަކުގައި އެކެއްގެ މައްޗަށް އަނެކަކު ވާ ގޮތަށެވެ. މި މީހުން ވަޅުލާފައިވަނީ ބިމުގެ އެއް މީޓަރާއި ދެ މީޓަރާ ދެމެދުގެ ފުންމިނެއްގައެވެ. އެ ކޮމިޝަނުން ލަފާކުރާ ގޮތުގައި މިއީ ގާނޫނާ ހިލާފަށް މަރާލުމަށްފަހު ވަޅުލާފައިވާ ބައެކެވެ.
ސްރީލަންކާގައި 1983 އިން 2009 އަށް ހިނގި ދާހިލީ ހަނގުރާމައިގައި ގާތްގަނޑަކަށް އެއް ލައްކަ މީހުން މަރުވެފައިވާއިރު، 23،000 މީހުން ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ގިނައީ ތަމަޅައިންނެވެ. ޗެމްމަނީ ސަރަހައްދަކީ 1995 ވަނަ އަހަރު ސްރީލަންކާގެ އަސްކަރިއްޔާއިން ޖަފްނާގެ ކޮންޓްރޯލް ނެގުމަށްފަހު، ހައި ސެކިއުރިޓީ ޒޯނެއްގެ ގޮތުގައި ކަނޑައެޅި ސަރަހައްދެކެވެ.
ޗެމްމަނީ ސަރަހައްދުން މީހުން ގެއްލިފައިވާ ކަމަށް އާއިލާތަކުން ބުނަމުންދާއިރު، އޭގެ ތެރޭގައި 1996 ވަނަ އަހަރު ގެއްލުނު ކަންދައިއާ ޖަޔަޕާލަން ހިމެނެއެވެ. އޭނާގެ ދަރިފުޅު ޖެޔަރޫބީ ޖަޔަޕާލަން ބީބީސީއަށް ބުނި ގޮތުގައި، އޭނާގެ ބައްޕަ ގެންދިޔައީ ޗެމްމަނީއާ ކައިރީގައި ހުރި ޗެކްޕޮއިންޓަކުން ސްރީލަންކާގެ ސިފައިންނެވެ. އަދި އޭނާގެ ބައްޕައަށް ވީގޮތެއް މިއަދާ ހަމައަށް ވެސް އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ކަންދައިއާ ޖަޔަޕާލަން ގެއްލުމުގެ ދެ ހަފުތާ ކުރިން، އުމުރުން 18 އަހަރުގެ ސްކޫލް ކުއްޖެއް ކަމަށްވާ ކްރިޝާންތީ ކުމާރަސްވާމީ ވެސް ވަނީ އެ ސަރަހައްދުން ގެއްލިފައެވެ. އޭނާ ރޭޕްކޮށް މަރާލުމުގެ އިތުރުން އާއިލާގެ ތިން މީހަކު މަރާލި މައްސަލައިގައި 1998 ވަނަ އަހަރު ފަސް ސިފައިންގެ މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. މިހާރު ތަހުގީގުކުރަމުންދާ ގަބުރުސްތާނު ހުރީ ކްރިޝާންތީއާއި އޭނާގެ އާއިލާގެ މީހުންގެ ހަށިގަނޑުތައް ފެނުނު ސަރަހައްދާ 100 މީޓަރު ކައިރީގައެވެ.
މި ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ވަޅުލާފައިވާ ކަމަށް އެންމެ ފުރަތަމަ ތުހުމަތުކުރީ 1998 ވަނަ އަހަރު ކޯޓުގައި ހެކިބަސް ދެމުން، ކުށް ސާބިތުވެފައިވާ ސިފައިންގެ މީހެއް ކަމަށްވާ ސޯމަރަތުނަ ރާޖަޕަކްސައެވެ. އޭނާ ބުނި ގޮތުގައި 1990 ގެ އަހަރުތަކުގެ މެދުތެރޭގައި މަރާލާފައިވާ 300 އާއި 400 އާ ދެމެދުގެ އަދަދެއްގެ މީހުން ޗެމްމަނީގައި ވަޅުލާފައިވެއެވެ.
މިހާތަނަށް ފެނުނު ހުރިހާ ކަށިތަކެއް މިހާރު ހުރީ ކޯޓުގެ ބެލުމުގެ ދަށުން ޖަފްނާ ޔުނިވާސިޓީގެ ފޮރެންސިކް ޑިޕާޓްމަންޓުގައެވެ. މި މަސައްކަތުގެ އިސް އާކިއޮލޮޖިސްޓް ޕްރޮފެސަރު ރާޖް ސޯމަދޭވަ ބީބީސީއަށް ބުނި ގޮތުގައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޯޓަށް ވަގުތީ ރިޕޯޓެއް ހުށަހަޅާނެއެވެ. އަދި ކަށިތަކުގެ އުމުރު ދެނެގަތުމަށްޓަކައި ބައެއް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ސްރީލަންކާގެ ޖަސްޓިސް މިނިސްޓަރު ހަރްޝަނަ ނާނަޔައްކާރަ ވިދާޅުވި ގޮތުގައި، ޗެމްމަނީގައި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި މީހުން މަރުވި ގޮތް ދެނެގަތުމަށްޓަކައި ކަށިތައް ތަހުލީލުކޮށް، ޑީއެންއޭ ޓެސްޓުތައް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސްރީލަންކާގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ވަރުނަ ގަމަގޭ ވަނީ އާންމުން މަރައި ވަޅުލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ތުހުމަތުތަކެއް ވެސް ކޯޓުގައި ސާބިތުކޮށްދޭން ޖެހޭނެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ތަހުގީގުތައް ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން މި މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގަދަކަމުން މީހުން ގެއްލުވާލުމާއި، އަނިޔާކުރުމާއި، މީހުން މެރުމުގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު ވަނީ ހުއްޓިފައެވެ. އަދި 2018 ވަނަ އަހަރު އުފެއްދި އޮފީސް އޮފް ދަ މިސިން ޕާސަންސް (އޯއެމްޕީ) އިން ވެސް އެކަށީގެންވާ ކުރިއެރުމެއް ހޯދިފައިނުވާ ކަމަށް އާއިލާތަކުން ބުނެއެވެ.
އދ. އިން ވަނީ މި މައްސަލައިގައި ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމަށް ސްރީލަންކާއަށް ގޮވާލާފައެވެ. އދ. ގެ އޭޝިއާ ޕެސިފިކް ޗީފް ރޯރީ މަންގޯވަން ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމަކީ ތަހުގީގާމެދު އިތުބާރު އުފެއްދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އަނުރަ ކުމާރަ ދިސާނަޔަކަގެ ސަރުކާރުން ވަނީ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމަށް ބައިނަލްއަގުވާމީ ނިޒާމެއް ގާއިމުކުރުމާ ދެކޮޅުހަދާފައެވެ.
