ސޫދާނުގެ އެކި ސަރަހައްދުތަކަށް ފަހަކަށް އައިސް ދެމުންދާ ޑްރޯން ހަމަލާތަކުގައި 160 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސިއްހީ އެހީތެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އާދީއްތަ ދުވަހުގެ ރޭ ހުޅަނގު ކޮރްދޮފާން ސްޓޭޓްގެ އައްދިބާބު އަވަށަށް ދިން ހަމަލާއެއްގައެވެ. ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) ގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އެ އަވަށުގެ މާރުކޭޓެއް ކައިރިއަށް ދިން ޑްރޯން ހަމަލާގައި 80 މީހުން މަރުވެފައިވާ ކަމަށް މަންޒަރު ދުށް މީހުންނާއި ސިއްހީ އެހީތެރިންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އަދި ޒަހަމްވި 47 މީހުންގެ ތެރެއިން 30 މީހަކު ފަހުން މަރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މި ހަމަލާ ދީފައިވަނީ ސޫދާނުގެ އަސްކަރިއްޔާއިން ކަމަށް އާރުއެސްއެފް އާއި 'އިމަޖެންސީ ލޯޔާސް' ޖަމާއަތުން ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން ހުކުރު ދުވަހު ބްލޫ ނައިލް ޕްރޮވިންސްގައި ތިބި ރެފިއުޖީންނަށް އަމާޒުކޮށް އާރުއެސްއެފް އިން ދިން ޑްރޯން ހަމަލާއެއްގައި 41 މީހުން މަރުވެފައިވާ ކަމަށް އިމަޖެންސީ ލޯޔާސް އިން ބުނެފައިވެއެވެ. އަދި ހޯމަ ދުވަހު ވެރިރަށް ހަރްތޫމަށް ދިން ހަމަލާތަކެއްގައި ތިން ކުޑަކުދިން މަރުވެފައިވާއިރު، ދެކުނު ދާރްފޫރުގެ ނިޔާލާއަށް ދިން ހަމަލާއެއްގައި 17 މީހުން މަރުވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
އާންމުންނަށް އަމާޒުކޮށް ދެމުންދާ މި ހަމަލާތައް އދ އިން ވަނީ ކުށްވެރިކޮށްފައެވެ. ސޫދާނުގެ އަސްކަރިއްޔާއާއި އާރުއެސްއެފް އާ ދެމެދު 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށި ހަނގުރާމައިގައި މިހާތަނަށް 59،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ކޮންފްލިކްޓް މޮނިޓަރ ކުރާ އޭސީއެލްއީޑީ އިން ބުނެއެވެ. އަދި 13 މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، މިއީ ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެއެވެ.
