ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ފަޅު ތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގާފައި ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގެެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މިހަފްތާތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހުމާ ގުޅިގެންނެވެ.

އެގޮތުން ހުސްކުރަންޖެހޭ ސަރަހައްދަކީ އެކުލަވާލެވިފައިވާ ޗާޓުގެ ސްޓޭޖް 2، ސައިޓް ބީ ނުވަތަ ފެހި ކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަ ކުރެވިފައިވާ ސަރަހައްދު ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

ފަޅުން ނަގާ އުޅަނދުތައް އެޅުމަށް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ފަހި ކޮށްދީފައިވާ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ސާފު ކުރަން ބޭނުން ނަމަ އާބަންކޯގެ ހޮޓްލައިން ނަންބަރު 1516 ކަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.

މި މަޝްރުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މިމަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވެސް ހަމަޖެހިފައި ވެއެވެ.