ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައި ވަނީ އިއްޔެ ކަމަށެވެ.
ޕީޖީ އޮފީހުން ދައުވާ ކުރަން ހުށަހަޅާފައި ވަނީ މި މައްސަލައި ތުހުމަތު ކުރެވޭ މއ.އެރަލްސީ، ހަސަން މަމްދޫހު އަދި ރ.އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށެވެ. މަމްދޫހުގެ މައްޗަށް 104 ދައުވާއެއް ހުށަހަޅާފައި ވާއިރު ޖައިޝާންގެ މައްޗަށް ހުށަހަޅާފައި ވަނީ 98 ދައުވާއެވެ.
މަމްދޫހު އަދި ޖައިޝާންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތައް:
- މަމްދޫހްގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ
- މަމްދޫހްގެ މައްޗަށް ޓެކުމުގެ ކުށުގެ 50 ދައުވާ
- މަމްދޫހްގެ މައްޗަށް އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ
- މަމްދޫހްގެ މައްޗަށް މަނީ ލޯންޑްރިން ކުށުގެ 1 ދައުވާ
- ޖައިޝާންގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ
- ޖައިޝާންގެ މައްޗަށް ޓެކުމުގެ ކުށުގެ 20 ދައުވާ
- ޖައިޝާންގެ މައްޗަށް ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ
- ޖައިޝާންގެ މައްޗަށް އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ
- ޖައިޝާންގެ މައްޗަށް މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ 1 ދައުވާ
ޕީޖީ އޮފީހުން ބުނީ މިހާރު ހުށަހަޅާފައިމިވާ 202 ދައުވާއާ ގުޅިގެން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް އެ ދައުވާތަކުގައި އެދިފައިވާނެ ކަމަށެވެ.
ހުށަހަޅާފައިވާ ދައުވާތަކަކީ ކޭ-ޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓްއެއް ވިއްކާފައިވާ މައްސަލަތަކާއި ގުޅޭ ދައުވާތައް ކަމަށް ވާއިރު އެ 23 އެޕާޓްމަންޓް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ވަނީ ވިއްކާފައެވެ. އެގޮތުން ބައެއް އެޕާޓްމަންޓް 6 މީހުންނަށް ވެސް ވިއްކާފައި ހުރިކަން ފާހަގަ ކުރެވެއެވެ.
އެ ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރައްވަމުން ދާ ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން އެ ބައިތައް ދިރާސާކުރުމަށްފަހު، މައްސަލައިގައި އިތުރު ދައުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.