ބަޖެޓު ދިރާސާކުރާ ކޮމިޓީން ހުށަހެޅި ރިޕޯޓުގައިވާ ގޮތަށް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ ކަމަށް، މަޖިލީހުން ފާސްކޮށްފިއެވެ.
ބަޖެޓު ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވި 68 މެންބަރުން ވެސް ވަނީ ބަޖެޓު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.
ބަޖެޓު ފާސްކުރަން ފެނޭތޯ ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ބަޖެޓު ދިރާސާކުރި ކޮމިޓީން ހުށަހެޅި ރިޕޯޓަށް އެއްވެސް މެންބަރަކު އިސްލާހެއް ހުށަނާޅުއްވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓު ފާސްކުރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތަށެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ބައެއް ބަދަލުތައް ގެނެސް 306 މިލިއަން ރުފިޔާ އިތުރުކުރުމަށް ފަހު ކޮމިޓީން ނިންމީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށެވެ. މިގޮތުން ބަޖެޓުން ބައެއް މަޝްރޫއުތައް އުނިކުރުމަށް ފަހު އަނެއްބައި މަޝްރޫއުތަކަށް ކުރާ ހަރަދު ވަނީ އިތުރުކޮށްފައެވެ.
އެންމެ ފާހަގަކޮށްލެވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަޖެޓުގައި ހިމަނާފައިވާ ފުށިދިއްގަރު ފަޅު ހިއްކުމަށް ކަނޑައަޅާފައިވާ 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކޮށް، ބަޖެޓަށް ގެނައި އިސްލާހެވެ.
ހަމަ އެއާއެކު ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދަން ހިމަނާފައިވާ އަދަދު ވަނީ 10 މިލިއަން ރުފިޔާ އަށް އިތުރުކުރުމަށް ނިންމައިފައެވެ.
ބަޖެޓަށް އިތުރުކުރި 306 މިލިއަން ރުފިޔާގެ ތެރެއިން 249 މިލިއަން ރުފިޔާ ހާއްސަކޮށްފައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އެހެންކަމުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަކުރި ބަޖެޓު ވަނީ 8.6 ބިލިއަން ރުފިޔާ އިން 8.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިއަދު ފާސްކުރި ބަޖެޓަކީ 16.3 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.