ސަރުކާރުން ހުށަހެޅި ގޮތަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން، ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރުމަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފައެވެ. އެއާއެކު މި އަހަރުގެ ބަޖެޓު 55 ބިލިއަނަށް ވަނީ އިތުރުވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ހާޒިރުކޮށް އެ ބޭފުޅުންގެ ލަފާ ހޯދުމަށް ފަހު، ސަޕްލިމެންޓަރީ ބަޖެޓު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން ހުށަހެޅުއްވީ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ގާސިމްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.
ކޮމިޓީގެ އިއްތިފާގުން ނިންމީ ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށެވެ. އެހެންކަމުން، މާދަމާގެ ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށް އެޖެންޑާކުރާނެ ކަމަށް ވެއެވެ.
ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި މި ބަޖެޓަށް ފައިސާ ހޯދުމަށް ރާވާފައި ވަނީ ޕްރޮޖެކްޓް ލޯނުތަކުންނާއި ރާއްޖޭގެ ފަރާތްތަކުން ލޯނު ހޯދައިގެންނާއި ޓީބިލު ވިއްކައިގެންނެވެ.
އެގޮތުން މި ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސްކުރަން ނިންމާފައި ވަނީ ބޭރު ގައުމުތަކުން 1 ބިލިއަން ރުފިޔާ އަދި ރާއްޖެއިން 3 ބިލިއަން ރުފިޔާ ހޯދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓުގެ އާމްދަނީ ހިމަނައިގެން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށާއި، އެއާއެކު ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 4 ބިލިއަން ރުފިޔާ ކަމަށާއި، އެހެންކަމުން އެހެންކަމުން މި އަހަރުގެ ބަޖެޓުގެ ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތަ. މިއާއެކު، އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައިކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވިއެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ މުހިންމު ބައެއް ނުކުތާތައް:
- ޖުމްލަ: 5،119،508،129 ރުފިޔާ
- ޕީއެސްއައިޕީ: ދެ ބިލިއަން ރުފިޔާ
- އެސްއޯއީ: 441.4 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
- ދަރިވަރުންގެ ލޯނު ދޫކުރުމަށް: 458.4 މިލިއަން ރުފިޔާ
- ބޭސްތަކަށް: 200 މިލިއަން ރުފިޔާ
- ބޭސްފަރުވާގެ އެހީއަށް: 262.6 މިލިއަން ރުފިޔާ
- ސަބްސިޑީއަށް: 1.02 ބިލިއަން ރުފިޔާ
- މުސާރަ: 24.4 މިލިއަން ރުފިޔާ