މިއަހަރުގެ ބަޖެޓަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށާއި މި އަހަރުވެސް އޮތީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ޝަފީގު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޝަފީގު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ވެސް ފާސްކޮށްފައި އޮތީ ޑެފިސިޓް ބޮޑު ބަޖެޓެއް ކަމަށާއި މި އަހަރު ވެސް އޮތީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށެވެ.

ޝަފީގު ވިދާޅުވީ ކުންފުނިތަކުން ކުރާ ހޭދަތައް މައްޗަށް ގޮސްފައިވާކަމަށާއި، ސަރުކާރުން ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެގޮތުން ކުންފުނިތައް މި ވަގުތު ހިންގަނީ އެންމެ އެފިޝަންޓްކޮށް ނޫންކަމަށާއި މިކަން ރަނގަޅު ކުރުމަށް ކުންފުނިތަކަށް ދޭ ސަބްސިޑީ ކުޑަކުރުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ޝަފީގު ވަނީ ވިދާޅުވެފައެވެ.

މިހާރު ކުރިއަށް ދަނީ ޓައިމްލައިނެއް ހަދާފައި އިމްޕްލިމެންޓޭޝަން ކުރިއަށް ގެންދިއުމަށް. މި ރިފޯމު ކުރުމަކީ މިހާރު އަޅުގަނޑުމެންނަށް އޮޕްޝަނެއް ނޫން. މި ކަމުގައި މަޖިލީހުންގެ މެންބަރުންގެ އެއްބާރުލުން ބޭނުން،
މުހައްމަދު ޝަފީގު

ޝަފީގު ވިދާޅުވީ، މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށް، ވީ އެންމެ އަވަހަކަށް ރިފޯމުތައް އަވަސް ކުރުމަށްޓަކައި އެ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. މި އަހަރުގެ ޖުމްލަ ބަޖެޓު 49.8 ބިލިއަން ރުފިޔާ އަށް އަރައެވެ. އޭގެ ތެރެއިން 70 ޕަސެންޓު ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ. ޝަފީގު ވިދާޅުވީ ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށެވެ.