ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މި އަހަރަށް ފާސްކުރި 50 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުވީ 76 ޕަސެންޓު ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އެހެންކަމުން ބަޖެޓުގައި އަދިވެސް ބާކީ 12 ބިލިއަން ރުފިޔާ ހަރަދުނުކުރެވި އެބަ އޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޕްލެމެންޓަރީ ބަޖެޓް ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، ސަޕްލެމެންޓަރީ ބަޖެޓެއް މި ސަރުކާރުން ތައްޔާރުކުރަން ޖެހުނު މައިގަނޑު ސަބަބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރު މި އަހަރުގެ ބަޖެޓުގައި ފުރިހަމައަށް ހިމެނިފައި ނުވާތީއެވެ.
ޒަމީރު ވިދާޅުވީ، މުހިންމު ފިސްކަލް ރިފޯމްތަކެއް މިދިޔަ ޖުލައި މަހުން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވީ ނަމަވެސް، ބަޖެޓުގައި ބަޔާންކޮށްފައިވާ މައިގަނޑު ރިފޯމްތަކާ ގުޅޭ މަސައްކަތްތައް ހުރީ ފުރިހަމައަށް އެކުލަވައިނުލާ ކަމަށެވެ. އެއާއެކު މި ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތައް ނިންމަން ވަގުތު ނެގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަޕްލެމެންޓަރީ ބަޖެޓެއް ހުށަހެޅި ދެވަނަ ސަބަބެއް ކަމަށް ޒަމީރު ވިދާޅުވީ، ފިސްކަލް ރިފޯމަށް ހޭދަވި މުއްދަތުގައި އާންމުންނަށް ދެމުންދާ ލިބެމުންދިޔަ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވުމެވެ.
"އަދި ޕީއެސްއައިޕީގެ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި، އަންޑަ-ވެލިއު ކޮށްގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދަންޖެހުމަކީވެސް ސަޕްލިމެންޓް ހުށަހަޅަންޖެހޭ އެއް ސަބަބު،" ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުން ކަމަށް، ޒަމީރު ވިދާޅުވިއެވެ.
މި އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އޭނާ އިތުރަށް ވިދާޅުވީ، މިއަހަރަށް ފާސްކުރި ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 34 ބިލިއަން ރުފިޔާގެ ތެރެއިން، މިދިޔަ މަހުގެ ނިޔަލަށް ލިބިފައިވަނީ 27 ބިލިއަން ރުފިޔާ ކަމަށެވެ.
އޭނާ ލަފާކުރެއްވި ގޮތުގައި ބަޖެޓުގައި އަންދާޒާކޮށްފައިނުވާ އާމްދަނީ އާއި، އަންނަ މަހުން ފެށިގެން ސިނގިރޭޓާއި ބިޑީގެ އިމްޕޯޓް ޑިއުޓީގެ ރޭޓުތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާތީ، މި އަހަރު ނިމޭއިރު އާމްދަނީގެ ގޮތުގައި ލިބޭނެ މިންވަރު ފާސްކުރި ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވާނެއެވެ.