އިޒްރޭލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީގެ މިއަދު ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމްއެވެ.

ހައިތަމްގެ ހުށަހެޅުއްވުމަށް ޕީއެންސީގެ ލީޑަރު ދަނގެތީ ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ދެކޮޅު ހައްދަވައިފައެވެ. ނާޒިމު ވިދާޅުވީ އިޒްރޭލާ ގުޅޭގޮތުން މިސަރުކާރުގެ ސިޔާސަތު ވަރަށް ސާފު ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ސިޔާސަތުގެ ވާހަކަ އެތައް ފަހަރަކު ދައްކަވައިފި ކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުން ވަނީ ވަގުތުތައް ބޭކާރުކުރުމަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމު ދެކޮޅު ހެއްދެވި ނަމަވެސް ކޮމިޓީގެ އަގުލަބިއްޔަތުން ނިންމީ މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

މިގަރާރު މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންއެވެ. ސައުދު ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ.

ސައުދު ހުށަހެޅުއްވި ގަރާރުގައި ގޮވާލެއްވި ކަންކަމަކީ:

  • އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް ވަގުތުން ހުއްޓާލުމަށް ގޮވާލުމަށް
  • ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލުމަށް
  • ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިންތިޒާމު ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ހަމަޖެއްސުމަށް އދ ގެ ގައުމުތަކަށް ގޮވާލުމަށް މަޖިލީހުން ފާސްކުރުމަށް
  • އިޒްރޭލާ އެކު ގުޅުމެއް އޮތް ނަމަ ވަގުތުން ގުޅުން ކަނޑާލުމަށް

މި ގަރާރުގައި ސައުދު ވަނީ، ފަލަސްތީނުގެ ޣައްޒާގައި ތިބި އާންމުންނަށް ދަތިކޮށް އިޒްރޭލުން އިންސާނީ ކަރާމާތް ނިގުޅައިގަންނަން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފެނާއި ކަރަންޓާއި، ބޯފެނާއި ސިއްހީ ފަރުވާގެ ހިދުމަތް ހުއްޓުވާފައި އޮތުމާއި، ކާބޯތަކެތި ޣައްޒާ އަށް އެތެރެވިޔަ ނުދިނުމަށް އެ ރަށް ވަށައިގެންވާ ހުރިހާ ޗެކްޕޮއިންޓުތަކާއި ދޮރުތައް ބަންދުކޮށްފައި އޮތް އޮތުން ސައުދު ވަނީ ކުށްވެރިކުރައްވައިފައެވެ.