ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގެ ތެރެއަށް މިދިޔަ އަހަރުގެ މާލީ މުއާމަލާތްތަކުގެ 2 ބިލިއަނެއްހާ ރުފިޔާ ނުވައްދާ ހުރިކަމަށާއި މި މައްސަލަ ބަލަމުންދާކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ މިިދިޔަ ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓުގެ ކަންކަން ހިންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި، މިއަދު ދިމާވެފައިވާ މާލީ ބޮޑެތި މައްސަލަތަކުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ ކަމަށެވެ.

މި މައްސަލަ ބަލާ ފިޔަވަޅު އަޅަން ޖެހޭ ފަރާތް ތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އުޝާމް ވިދާޅުވީ، މި ފައިސާގެ އަދަދުތައް މިއަހަރުގެ ހިސާބުތަކުގެ ތެރެއަށް ވެއްދުމަކީ ގާނޫނީ ގޮތުން މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައި ހުރި، ނަމަވެސް 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި 3 ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިވާ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ހިލާފަށް ކަންތައްތަކެއް ކޮށްފައި އެބަހުރި. މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ވެސް ކަންތައްތަކެއް ކޮށްފައި އެބަހުރި. މި ފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،
ބަންޑާރަ ނައިބު

މީގެއިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ސަޕްލިމެންޓު ކުރަން ޖެހޭ ސީދާ އަދަދެއް ކަނޑައަޅާ ނިންމާނީ ކެބިނެޓާއި ރައީސް ޑރ. މުއިއްޒުގެ ލަފާ ހޯއްދަވައިގެން ކަމަށެވެ.