ރަޝިއާ-ޔޫކްރެއިން ހަނގުރާމާއި މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރި އަދި އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި މި އަހަރުގެ ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމުގައި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލަމުން ވިދާޅުވީ ހަނގުރާމަތަކުގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު އުފުލިފައިވާކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއަށްވެސް މާލީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދަރަނި ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ހިރާސްތަކުން އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރި ކުރަން ޖެހޭކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑް 19ގެ ދުވަސްވަރުގައި ގިނަ ގައުމުތަކަށް ދަރަނި ނަގަން މަޖުބޫރުވި ކަމަށާއި މިހާރު އެ ގައުމުތަކަށް ކުރިމަތިވަނީ އެ ދަރަނި ބަލަހައްޓައިގެން މެނޭޖުކުރުމުގެ ގޮންޖެހުން ކަމަށެވެ. ނަމަވެސް މިކަމުން އަރައިގަތުމަށް މަސައްކަތް ކުރާއިރު މާލީ ހަރުދަނާކަން ދަމަހައްޓާ ސިޔާސީ އަދި އިސްތިރާޖީ ހަގީގަތައް މަސައްކަތްތައް ބައްޓަން ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަނެ ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާން ބޭރު ގައުމުތަކުގެ އެހީތެރިކަން މުހިންމުކަމަށެވެ. އެގޮތުން ރާއްޖޭގައި ބޭނުން ކުރާ ހަކައިތައިގެ 33 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާއިރު މިފަދަ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.