މެންބަރުން ސުވާލުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއި ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގައިވާ ގޮތަށް ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ބައެއް މެންބަރުން ކުރެއްވި ސުވާލުތައް ބަލައިނުގަަތުމުން، ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާ މެދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލާ ގުޅިގެން އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ބައެއް މެންބަރުން ވަނީ ކުރެވުނު ސުވާލާއި އަދި ސުވާލަށް ސައީދު ދެއްވި ޖަވާބާ ގުޅުމެއް ނެތް ސުވާލުތައް ކުރައްވައިފައެވެ. ސަލީމް ސުވާލުކުރެއްވީ ބޮޑު ތިލަދުންމަތީގައި ތެޔޮ ސްޓޯރޭޖެއް ގާއިމުކޮށް ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރީގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުންނެވެ.
ސައީދުގެ ޖަވާބަށް ފަހު އިތުރު ސުވާލުތަކަށް ފުރުސަތު ހުޅުވާލައްވައި އަސްލަމް އެދިވަޑައިގަތީ ސައީދާ ކުރެވުނު ސުވާލާއި އެ ސުވާލަށް ދެއްވި ޖަވާބާ ގުޅުން އޮތް ގޮތަށް އިތުރު ސުވާލުކުރުމަށެވެ.
އެކަމަކު ބައެއް މެންބަރުން މައުޟޫއާ ގުޅުމެއް ނެތް ސުވާލުތައް ކުރުމުން އެ ސުވާލުތައް ބަލައިނުގަންނަވާނެ ކަމަށް، އަސްލަމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ސުވާލުތައް ބަލައިގަތުމަށް އަސްލަމް ދެކޮޅު ހެއްދެވުމުން މެންބަރުންގެ ނުރުހުން
މިނިސްޓަރު ސައީދާ ސުވާލުކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނޭ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީގެ ސުވާލު ބަލައިގަތުމަށް އަސްލަމް ދެކޮޅު ހެއްދެވުމުން ނެންގެވި ނިޒާމީ ނުކުތާއެއްގައި އޭނާ ވަނީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރެވެނީ އިކޮނޮމިކް މިނިސްޓަރާތޯ ސުވާލު އުފައްދަވައިފައެވެ.
ޔޫނުސް ނެންގެވި ނުކުތާ އާ ގުޅިގެން އަސްލަމް ވިދާޅުވީ، ގަވައިދުތަކާއި ގާނޫނުތަކުގައި ބަޔާންކޮށްފައި ނުވާ ގޮތަކަށް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ދަތި ކަމަށެވެ.
"ގާނޫނުގަ އާއި ގަވައިދުގަ އާއި އަދި ގާނޫނުއަސާސީގައި ވެސް ވަޒީރުންނާ ސުވާލުކުރެވޭ ގޮތް ބަޔާންކުރެވިފައި އެބަ ވޭ، އެހެންކަމުން މި ހަމަތަކުގެ ބޭރުން ވަޒީރުންނާ ސުވާލުކުރުމުގެ ޖާގަ އަޅުގަނޑަށް މި ގޮނޑީގަ އިނދެގެން އެ ފުރުސަތު އަރުވަން އުނދަގޫވޭ،" މިހެން ވިދާޅުވުމަށް ފަހު އަސްލަމް ވަނީ ވަޒީރުންނާ ސުވާލުކުރާނެ ވަކި ހަމަތަކެއް ގާނޫނުގައިވާ ކަން ފާހަގަކުރައްވައި ގަވައިދުތަކާ އެއްގޮތަށް ސުވާލުކުރުމަށް ތަކުރާރުކުރައްވައިފައެވެ.
މެންބަރުން ނުރުހޭ ނަމަ ގާނޫނަށް އިސްލާހު ގެނެސްގެން ވެސް ކުރިއަށް ގެންދެވޭނެ ކަން އެ ފުރުސަތުގައި އަސްލަމް ފާހަގަކުރެއްވިއެވެ.
ޔޫނުސަށް ފަހު ނިޒާމީ ނުކުތާ ނެންގެވި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީރުންނާ ސުވާލުކުރުމަށް މެންބަރުންނަށް އޮތް ފުރުސަތު، އަސްލަމް ހަނިކުރައްވާފައިވާ ކަމަށެވެ.
"އިއްޒަތްތެރި ވަޒީރު ޖަވާބު ދެއްވަން އުޒުރުވެރިވާ ސުވާލުތަކެއް އެބަ ކުރެވޭ، އުޒުރުވެރިވާ ކަމުގައި ވަނީ ނަމަ އިއްޒަތްތެރި ވަޒީރު ވިދާޅުވާނެ، މިއީ 19 ވަނަ މަޖިލީހުގައި ކަން ކުރެވެމުންދާ އުސޫލާ މުޅިން ހިލާފަށް އިއްޒަތްތެރި ވަޒީރާ ސުވާލުކުރަން އޮތް ފުރުސަތު ތި ހަނިކުރައްވަނީ،" ހިތްހަމަނުޖެހުން ފާޅުކުރައްވައި އޭނާ ވިދާޅުވިއެވެ.
އެކަމަކު ވެސް އަސްލަމް ވަނީ، ގަވައިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވާތީ އަމަލުކުރައްވަމުން މި ގެންދަނީ ގަވައިދުތަކާ އެއްގޮތަށް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.
ހަމަ އެހެންމެ އެއްވެސް މެންބަރެއްގެ ހައްގަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އަމަލުނުކުރައްވާނެ ކަމަށް ވިދާޅުވެ، މެންބަރުން ނުރުހޭނަމަ ގަވައިދު އިސްލާހުކުރުމަށް ވެސް އަސްލަމް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ނަމަ:
- އިތުރު ސުވާލުކުރުމުގެ ފުރުސަތު ދޭނީ ކުރަން ބޭނުންވާ ސުވާލަކީ ނޯޓިސް ދީގެން ކުރި ސުވާލުން ނުވަތަ އެ ސުވާލަށް ދިން ޖަވާބުން އުފެދޭ ސުވާލަށް ވާ ނަމަ
- އިތުރު ސުވާލުކުރެވޭނީ ވަޒީރުގެ އާނ ނުވަތަ ނޫނ ބަސް ހޯދަން ނޫން ނަމަ
އޭގެ އިތުރުން، ވަޒީރުންނާ ސުވާލުކުރުމަށް ނޯޓިސް ފޮނުވުމުގެ މުއްދަތެއްގެ ގޮތުގައި މިހާރު އޮތް 14 ދުވަހުގެ މުއްދަތު ދިގުކަން އަސްލަމް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ތަކުރާރުކޮށް މި ދަންނަވަނީ، އެއަށް ވުރެ ވެސް މުއްދަތު ކުރުކޮށްފަ ވަޒީރުންނާ ގިނައިން ސުވާލުކުރެވޭ ގޮތް ހައްދަވާށޭ، އަދި އޭގެ އިތުރަށް މީގެ ކުރިން ސުވާލުތައް ތޮއްޖެހިފަ ވާ ގޮތަށް އެކަން ނުކޮށް ވަކި ހާއްސަ ދުވަހެއް ސުވާލުތަކަށް ޖަވާބު ހޯދުމަށް ބާއްވައިގެން ވެސް އަޅުގަނޑު އިއްޒަތްތެރި މެންބަރުން މި ތަނަށް ފޮނުއްވާ ސުވާލުތަކަށް އިރާދަކުރެއްވިއްޔާ ޖަވާބު ހޯދައިދިނުމުގަ ދެމިހުންނާނެ ވާހަކަ ދަންނަވަން،"
މީގެ ކުރިން މަޖިލީހުގައި އަމަލުކުރާ ގޮތުން ނަމަ، ވަޒީރުންނާ ސުވާލުކުރަން އޮންނަ ދުވަހު، ސުވާލާ ގުޅުން ނެތް ނަމަވެސް، ވަޒީރުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު މެންބަރުންނަށް އޮންނަނީ ދޫކޮށްލައިފައެވެ.