މި ފެށޭ މޭ މަހުގެ ނުވަވަނަ ދުވަހުގެ ކުރިން ކޮމިޓީތަކުން ނިންމަން ހުރި މަސައްކަތްތައް ނިންމައި ތަޅުމަށް ހުށަހަޅަން ރިޔާސަތުން އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް މިފަހުން ގެނައި އިސްލާހާ އެކު، 19 ވަނަ މަޖިލީހުގެ މި ދައުރު ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގައެވެ. މިއީ މި ހިނގާ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ދައުރެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގައި ކަމަށް ވިދާޅުވެ، އެ ދުވަހު ވޯޓަށް އެހޭނީ ނުވަވަނަ ދުވަހުގެ ނިޔަލަށް ކޮމިޓީތަކުން ހުށަހަޅާ ރިޕޯޓުތަކަށް ކަމަށެވެ.
އެހެންކަމުން ކޮމިޓީތަކުން ނިންމަން ޖެހޭ މަސައްކަތްތައް ނުވަވަނަ ދުވަހުގެ ނިޔަލަށް ނިންމައި، ކޮމިޓީ ރިޕޯޓުތައް އެންމެ ލަސްވެގެން އެ ދުވަހު މެންބަރުންނަށް ފޮނުވުމަށް ކޮމިޓީތަކުގެ މުގައްރިރުންނަށް އަސްލަމް ވަނީ އަންގަވައިފައެވެ.
މި މަހުގެ 21 ވަނަ ދުވަހު އިންތިހާބުކުރި 20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުގައެވެ. 93 ގޮނޑި އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އަތްމަތީގައެވެ. އަމިއްލަގޮތުން ވާދަކުރައްވައި ހޮވުނު މެންބަރުންގެ ތެރެއިން ސޮއިކުރެއްވި މެންބަރުން ހިމެނޭހެން 20 ވަނަ މަޖިލީހުގައި 72 މެންބަރަކު ޕީއެންސީ ތަމްސީލުކުރައްވާނެއެވެ.