މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 92 އަހަރުވީ ހަޔާތުގައި މިހާތަނަށް އެންމެ ގިނަ މަސައްކަތްކުރެވުނު މަޖިލިސް ކަމަށް، 19 ވަނަ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް ނިންމަވާލެއްވުމުގެ ކުރިން ދެއްކެވި ވާހަކައިގައި އަސްލަމް ވިދާޅުވި ގޮތުގައި:

  • މިއަދާ ހަމައަށް ޖުމްލަ 530 ޖަލްސާ ބޭއްވުނު (1،461 ގަޑިއިރު)
  • ކޮމިޓީތަކުން 3،784 ބައްދަލުވުން ބޭއްވުނު (4،434 ގަޑިއިރާއި 23 މިނެޓް)

އަސްލަމް އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން، މަޖިލީހުގައި ނިންމުނު މަސައްކަތްތަކަށް ބަލާލާއިރު:

  • ހުށަހެޅުނު 210 ބިލުގެ ތެރެއިން 178 ބިލުގެ މަސައްކަތް
  • ހުށަހެޅުނު 92 ގަރާރުގެ ތެރެއިން 73 ގަރާރު
  • ސަރުކާރުން ހުށަހެޅި 156 މައްސަލައިގެ ތެރެއިން 152 މައްސަލަ
  • ރިޔާސަތުން ހުށަހެޅި 107 މައްސަލައިގެ ތެރެއިން 104 މައްސަލަ
  • މެންބަރުން ހުށަހެޅި 56 މައްސަލައިގެ ތެރެއިން 48 މައްސަލަ
  • ހުށަހެޅުނު 108 ކުއްލި މައްސަލަ ނިންމުނު
  • ވަޒީރުންނާ ކުރެވުނު 405 ސުވާލުގެ ތެރެއިން 304 ސުވާލަކަށް ޖަވާބު ލިބުނު
  • އެހެނިހެން 156 މައްސަލައެއް ހުށަހެޅި 153 މައްސަލައިގެ ރިޕޯޓު ނިންމުނު

އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު 1،291 މަސައްކަތުގެ ތެރެއިން 1،200 މަސައްކަތް ވަނީ ނިމިފައެވެ. އެއީ 92.95 ޕަސެންޓެވެ.

މިއާއެކު އަސްލަމް ވަނީ 19 ވަނަ މަޖިލީހުގައި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ އިތުރުން ފެނާއި ނަރުދަމާގެ ބިލާއި ތައުލީމީ ބިލާއި ކުނި މެނޭޖްކުރުމާ ބިލާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ފަދަ މުހިންމު ބިލުތައް ފާސްކުރެވުނުކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން އިންތިހާބުތަކުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ލޮލަށް ނުފެންނަ މީހުން އަމިއްލައަށް ފާހަގަޖެހޭ ގޮތަށް އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނެވުނު އިސްލާހު ފަދަ މުހިންމު އިސްލާހުތައް ގެނެވުނު ކަމާއި، އާންމުންގެ އިޖުތިމާއީ އެކި ކަންކަމާ ގުޅުންހުރި ކުއްލި މައްސަލަތަކާއި ގަރާރުގެ މަސައްކަތްތައް ނިންމުނުކަން ވެސް ފާހަގަކުރެއްވިއެވެ.

އަސްލަމް ވަނީ 19 ވަނަ މަޖިލީހުގައި މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ.

އެއާއެކު، ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަކުރެއްވުމަށް ފަހު، މަޖިލީހުން ނުކުމެވަޑައިގަތުމުގެ ކުރިން އަސްލަމް ވަނީ މިދިޔަ ހަތަރު ދައުރަށް އޭނާ އިންތިހާބުކޮށްދެއްވިކަމަށްޓަކައި އައްޑޫގެ ރައްޔިތުން، ވަކިން ހާއްސަކޮށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އޭނާ ތަމްސީލުކުރައްވާ އެމްޑީޕީ އާއި އޭނާގެ އާއިލާ އާއި ގާތް ރައްޓެހިން ދިން އެހީތެރިކަން ފާހަގަކުރެއްވިއެވެ.

"ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ހުރުމުގެ ނަސީބު އަޅުގަނޑަށް ލިބިގެންނުދިޔަ ކަމުގަ ވިޔަސް، ސިޔާސީ ކަންކަމުގަ، އަދި އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ކުރިއެރުވުމަށްޓަކައި އަޅުގަނޑު މަސައްކަތްކުރާނެ ވާހަކަ ދަންނަވަން،" މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އޭނާ ވިދާޅުވިއެވެ.

އެގޮތުން އިންސާނީ ހައްގުތައް ރާއްޖޭގައި ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ހެޔޮވެރިކަމެއް ރާއްޖޭގައި އަށަގެންނެވުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ހަމަ ކުރުމާއި، އަދި މީގެ އިތުރުން ޑިމޮކްރަސީގެ ރަނގަޅު ހަމަތައް ރާއްޖޭގައި ގާއިމްކުރުމަށް އެތަކެއް ޒަމާނުއްސުރެ މި ކުރެވެމުންދާ އިސްލާހީ މަސައްކަތުގައި ދެމިހުންނާނެ ވާހަކަ، އިއްޒަތްތެރި އެންމެހާ މެންބަރުންނާއި އަދި އެންމެހާ ރައްޔިތުންނަށް ދަންނަވަން،"

މިއަދު ނިމުނު 19 ވަނަ މަޖިލީހަށް ފަހު ދެން ފަށާ 20 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.