މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ގޮނޑި ގެއްލިއްޖެއެވެ.

އަސްލަމްގެ ގޮނޑި ގެއްލިފައިވަނީ ހަތަރު ދައުރު މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލްކުރެއްވުމަށްފަހުއެވެ.

މިއަދު ބޭއްވި އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސިނާން (ސިނާ) އެވެ. އެ އިންތިހާބުގައި ޖުމްލަ ހަތް ކެންޑިޑޭޓެއް ވާދަކުރައްވާފައިވާއިރު އޭގެ ތެރޭގައި އަމިއްލަ ހަތަރު ކެނޑިޑޭޓުން ހިމެނެއެވެ.

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ޝަބީނާ އިބްރާހިމްދީދީ ވާދަކުރެއްވިއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަކީ ޝަޒީމާ ރަޝީދާއި މުހައްމަދު މިރުޒާގާއި އަހުމަދު ސައީދުގެ އިތުރުން އިންދާދު ޒުބައިރެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ އެ ދާއިރާއިން އަސްލަމްއަށް ނާކާމިޔާބުވެފައިވާއިރު މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓެއްގެ ގޮތުގައިވެސް އަސްލަމް ވަނީ ވާދަކުރައްވާފައެވެ.