19 ވަނަ ރައްޔިތުންގެ މަޖިލިސް ނިމުމުގެ ކުރިން އާންމުން މަޖިލީހަށް ފޮނުވި 300 އަށް ވުރެ ގިނަ ޝަކުވާތަކަށް ޖަވާބު ނުދެވި ވާކަން މަޖިލީހުގެ ރިޔާސަތުން މިއަދު ހާމަކޮށްފިއެވެ.

އެޖެންޑާގެ ބައިތަކަށް ދިއުމުގެ ކުރިން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މެންބަރުން ވަޒީރުންނާ ކުރުމަށް ހުށަހެޅުއްވި ސުވާލުތަކުގެ ތެރެއިން 21 ސުވާލެއްގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށާއި، ސުވާލުތައް ގިނަވެފައިވާތީ މަސައްކަތްކުރައްވަމުން ގެންދަވަނީ އެއް ސުވާލަށް ވުރެ ގިނަ ސުވާލު ކޮންމެ ޖަލްސާއަކަށް އެޖެންޑާކުރުމަށް ކަމަށެވެ.

"އެހެން ނަމަވެސް މިއަދަށް ވެސް އަޅުގަނޑުމެންނަށް އެއްވެސް ސުވާލެއް އެޖެންޑާކުރެވިފަ ނެތީ ވަޒީރުން އަދި ސުވާލުކުރެއްވި މެންބަރުން ވެސް އަޅުގަނޑުމެންނަށް މިއަދަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން، މާދަމާ އަށް ވެސް އިތުރު ސުވާލުތައް ހިމެނޭތޯ އިދާރާގެ ފަރާތުން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަން، ވަކިން ހާއްސަކޮށް ސުވާލުކުރައްވާފައިވާ އިއްޒަތްތެރި މެންބަރުން ވަގުތު ހުސްކޮށްދެއްވުމަށް އެދެން،" އޭނާ ވިދާޅުވިއެވެ.

މި 21 ސުވާލުތަކުގެ ތެރޭގައި ލިޔުމުން ޖަވާބު ހޯދަން މެންބަރަކު ހުށަހެޅި ސުވާލެއް ހިމެނޭކަން އަސްލަމް ހާމަކުރެއްވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް އާންމުންގެ ފަރާތުން ޝަކުވާތަކުގެ ގޮތުގައި ހުށަހެޅިފައިވާ ސިޓީތަކުގެ ތެރެއިން 322 ސިޓީއަކަށް ޖަވާބު ނުދެވި ވާކަމަށް އަސްލަމް ވިދާޅުވިއެވެ. އާންމު ގޮތެއްގައި މަޖިލީހުން މިކަމުގައި އަމަލުކުރަމުން ދަނީ މަޖިލީހުގެ އާންމު ކޮމިޓީ އަށް ފޮނުވައި އެ ކޮމިޓީން ޖަވާބުދެވޭ ސިޓީތަކަށް ޖަވާބު ދޭ ގޮތަށް ކަމަށާއި، އާންމު ކޮމިޓީން ޖަވާބު ނުދޭ ސިޓީތައް ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވާލެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އާންމުންގެ ސިޓީތަކަށް ކޮންމެވެސް އެއް ޖަވާބެއް ދެވޭނެ މިންވަރަކަށް މަސައްކަތްތައް ނިންމުމަށް ކޮމިޓީތަކުގެ މުގައްރިރުންނަށް އަސްލަމް ދެންނެވިއެވެ.

އަދި މަޖިލީހަށް ބައެއް މެންބަރުން ހުށަހެޅުއްވި އިސްލާހުތައް އިއްޔެ އަނބުރާ ގެންދިޔަކަން ފާހަގަކުރައްވައި އެކަމުގެ ތަފްސީލު ވެސް އަސްލަމް މެންބަރުންނާ ހިއްސާކުރެއްވިއެވެ، އެ އިސްލާހުތަކަކީ:

  • ދާއިރާގެ ރައްޔިތުންގެ ވޯޓުން މެންބަރުން މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހު
  • މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހު
  • އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހެޅުއްވި އިސްލާހު

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ މަދު މަސައްކަތްތަކެކެވެ. އަދި މާދަމާ އަށް ވެސް އެޖެންޑާގައި ހިމަނާނެ މާ ގިނަ މަސައްކަތެއް އަދި ނެތް ކަމަށް، އަސްލަމް ވިދާޅުވިއެވެ.