މިދިޔަ އާދީއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް މަޖިލީހަށް އިންތިހާބު ވެ ވަޑައިގެންނެވި އާ މެންބަރުން ހުވާ ކުރުން މެއި 28ގައި ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މެއި 28 ވަނަ ދުވަހު އާ މެންބަރުން ހުވާ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ.
އަސްލަމް ވިދާޅުވީ ކުރިއަށްމިދާ 19 ވަނަ މަޖިލީހުގެ ދައުރު ހިނގާނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މެއި 13 ވާ ހޯމަ ދުވަހު ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނަށް އަސްލަމް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ހާއްސަ ގޮތެއްގައި 19 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން 20 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންގެ ނަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މި ދައުރުގައި ތިއްބެވި މެންބަރުންގެ ތެރެއިން ކުރިއަށް އޮތް ދައުރަށް ހޮވިވަޑައިގެންފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް، ދަގެނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، ހިތަދޫ އަދި ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާގެ ތެރެއިން 67 ދާއިރާއަކުން ޕީއެންސީ ކާމިޔާބު ހޯދާފައިވާއިރު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ލިބުނީ 12 ދާއިރާއަކުންނެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 10 ކެންޑިޑޭޓަކަށް ކާމިޔާބުވެފައިވާއިރު ޖޭޕީއަށް އެއް ދާއިރާ އެމްއެންޕީއަށް އެއް ދާއިރާ އަދި އެމްޑީއޭއަށް ދެ ދާއިރާ ވަނީ ކާމިޔާބުވެފައެވެ.