ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ 'މޯލްޑިވްސް ލޯންގް ރަން 2023' ގެ ވެނިއު ޕާޓްނަރަކަށް އާބަންކޯ ހަމަޖައްސައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ރޭހުގައި 5 ކިލޯމީޓަރު، 10 ކިލޯމީޓަރު، ހާފް މެރެތަން އަދި މެރެތަން، މި ކެޓެގަރީތަކުން އެތްލީޓުން ވަނީ ބައިވެރިވެފައެވެ. މެރެތަން ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ (މިރޭ) މެންދަމު 2:00 ގައެވެ.

އަދި ހާފް މެރެތަން ރޭސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިހު 5:00 ގައެވެ. 10 ކިލޯމީޓަރުގެ ރޭސް ހުކުރު ދުވަހުގެ ހެނދުނު 6:00 ގައި ފަށުމަށް ހަމަޖެހިފައިވާއިރު، 5 ކިލޯމީޓަރު ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.

ރޭހުގެ ބައިވެރިންގެ ރެޖިސްޓްރޭޝަން ފީގެ ކަނޑައެޅޭ އިންސައްތައެއް ކެންސަރު ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، ކެންސަރަށް ފަރުވާ ކުރަމުންދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ހަދިޔާކުރުމަށް ޓީއެފްޖީން ވަނީ ނިންމާފައެވެ.

މި ރޭސް ކުރިއަށް ގެންދިއުމަށް ވެނިއު ޕާޓްނަރެއްގެ ހައިސިއްޔަތުން އާބަންކޯ ދަނީ ރޭސް އިންތިޒާމްކުރާ ފަރާތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުންވެސް ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ ހުރިހާ ހަރަކާތެއްގައި އާބަންކޯގެ ސީއެސްއާރުން ފުރިހަމަ އެއްބާރުލުން ދީ، އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.