ހުޅުމާލެ ސާފުކުރުމަށް އާބަންކޯއިން ކުރިއަށް ގެންދިޔަ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެއިން 60 ޓަނުގެ ކުނި ނަގައިފިއެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ ހުޅުމާލެގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައެވެ.
އާބަންކޯއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކުރެވިފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހިޔާ ސަރަހައްދުން މުޅި ޖުމްލަ 60 ޓަނުގެ ކުނި އެއްކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އާބަންކޯގެ އަމާޒަކި ހުޅުމާލެއަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުންކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުން ވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން ދަނީ ގިނަ މަސައްކަތްކަތެއް ކުރަމުންނެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ މަސައްކަތް މީގެ ކުރިން ވެސް ތަކުރާރުކޮށް އާބަންކޯއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން މަދިރި މަދުކުރުމަށް ދާދި ފަހުން ކުރިއަށް ގެންދިޔަ "ޑެންގީ އިޖާބަ" ކެންޕެއިން ގައި ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، މަދިރި އާލާވުން މަދުކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.