ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ފާހަގަ ކުރައްވާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަަކަ ދައްކަވަމުން ފަޒުލް ވަނީ އެއީ ރައީސްގެ ހަފްތާ-14 ގައި ޕްލޭންގައި ހިމެނޭ ކަމެއްކަން ފާހާގަ ކުރައްވާފައެވެ.

ފުރަތަމަ ދުވަހުން ފެށިގެން ވެސް ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަޒުލް ވިދާޅުވި ނަމަވެސް، އެކަމާ ބެހޭ އިތުރު ތަފްސީލް ދެއްވާފައެއް ނުވެއެވެ.

ހިޔާ ގެ ޖުމްލަ 16 ޓަވަރު ހިމެނޭ އިރު، ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އިންތިހާބު ވެވަޑައިގަތުމަށް ފަހު، ހިޔާ ސަރަހައްދަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެކަމަކީ ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ. އެގޮތުން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރާ އިރު، އޭގެތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭވަރުގެ ބޮޑު ލިފްޓަކަށް ވާނެ ކަމަށާއި ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން އުޅެމުންދާ އިރު، ލިފްޓްގެ ދަތިކަން ކުރިމަތިވުމަކީ އެ ފާރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. އަދި ހާއްސަ ގޮތެއްގައި ހުކުރު ދުވަހު މި މައްސަލަ ބޮޑު ވާކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.