ހިޔާ ފްލެޓްގެ ފިނިޝިންއަށް ކޮށްފައިވާ ހަރަދަށް ޖެހޭ އެވްރެޖް އަގަކީ ދެ ލައްކަ ރުފިޔާ ކަމުގައި ކަނޑައަޅައި ހިޔާ ފްލެޓްގެ ޖުމްލަ ކުލިން 100،000 މިއަދުން ފެށިގެން މައާފްވެފައިވާ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ފަޒުލް ވިދާޅުވީ އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމާއެކު ހިޔާ ފްލެޓްގެ ކުލިން 2 ލައްކައެއްހާ ރުފިޔާގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އަންނަ ޖެނުއަރީއިން ފެށިގެން، ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކުރިއަށް އޮތް 7 އަހަރުގެ މުއްދަތުގައި ކޮންމެ މަހަކު ފްލެޓްއަކަށް ދައްކަން ޖެހޭނީ 3،984.21 ރުފިޔާކަން ފަޒުލް ފާހަގަ ކުރެއްވިއެވެ.

2.25 މިލިއަން ރުފިޔާގެ ފްލެޓް އަކުން 2 ލައްކަ ރުފިޔާ ކެނޑިގެން ދާކަން ފާހަގަ ކުރައްވާ ފަޒުލް ވިދާޅުވީ އޭގެތެރެއިން 1 ލައްކަ ރުފިޔާއަކީ މިއަދުން ފެށިގެން މާފުވެގެން އަންނަ އަދަދެއް ކަމަށެވެ. އަދި އެ ލުޔާއެކު ހިޔާ ފްލެޓްތަކުގެ އެގްރިމެންޓްތައް މުރާޖާ ކުރާއިރު 27 އަހަރުން ކުލި ދައްކާ ގޮތަށް އޮތް އޮތުން 26 އަހަރާ 3 މަހަށް ބަދަލުވެގެން ދާނެ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރު ފިނިޝިން މަސައްކަތް ނުނިންމާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެތަންތަން ދީފައިވާ ކުއްޔަކީ މެއިންޓަނަންސް ފީ އާއެކު މަހަކު 8،500 ރުފިޔާއެވެ. މި އަގު ބޮޑުވެގެން ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން ޝަކުވާ ކުރަމުން ދިއުމުން ކުލީގެ އަގު ވަނީ 5300 ރުފިޔާއަށް މި އަހަރުގެ މެއި މަހުގެ ތެރޭގައި ކުޑަކޮށްފައެވެެ. ނަމަވެސް ކުލި ކުޑަ ކުރި އިރު، ކުލި ދައްކަން ޖެހޭ މުއްދަތު ވަނީ އިތުރުކޮށްފައި ވުމުން ފްލެޓްގެ އަގު ކުޑަވެފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި މުއިއްޒު ވަނީ ފްލެޓްތަކުގެ ކުލި ކުޑަކޮށް ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ހިޔާ ފްލެޓްގެ ފިނިޝިންއަށް ކުރި ހަރަދު އަނބުރާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެ ލައްކައިގެން މަގުން އަގު ހަދައި ހިޔާ ފްލެޓްގެ ފިނިޝިންއަށް ހޭދަވި ފައިސާ ނަގުދު ފައިސާއިން ދިނުމުގެ ބަދަލުގައި ލުއި ގޮތެއް ހައްދާވާނެ ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ.