ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޝެހެނާޒް އާދަމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕަރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ.ޝެހެނާޒް ވިދާޅުވީ ގައުމީ ޔުނިވާސިޓިގެ މެޑިކަލް ސްކޫލް މިހާރު ހިންގަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 2 ފަންގިފިލާގައި ކަމަށާއި ނަމަވެސް އެއީ ވަރަށް ކުޑަ ޖާގައެއްގެ ތަނެއް ކަމަށެވެ.
ޖާގައިގެ ދަތިކަމާ ގުޅިގެން ހުޅުމާލޭގައި މެޑިކަލް ކޮލެޖެއް ގާއިމްކުރަން ނިންމާފައިވާ ކަމަށާއި ހުޅުމާލޭގައި މި ކޮލެޖު އިމާރާތްކުރުމަށްޓަކައި މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ.
އެ މެޑިކަލް ކޮލެޖު ޑިޒައިން ކުރެވިފައިވަނީ ހޮސްޕިޓަލަކާއި، އެނޫންވެސް އެދާއިރާއިން ހުނަރު ހޯދުމަށް ބޭނުންވާނެ އެހެން ވަސީލަތްތަކާއި އެކު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފެށޭ އަހަރު މެޑިކަލް ކޮލެޖުގެ މަސައްކަތްތައް ފަށާނެ ކަމަށް ޑރ. ޝެހެނާޒް ވަނީ ވިދާޅުވެފައެވެ.
ގައުމީ ޔުނިވާސިޓީގައި ޑޮކްޓަރުކަމުގެ ދާއިރާއިން 196 ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ. ޑރ. ޝެހެނާޒް ވިދާޅުވި ގޮތުގައި މެޑިސިން ދާއިރާއަކީ ފެށުނީއްސުރެ ކޮންމެ އަހަރަކުވެސް ވަރަށް ގިނަ އަދަދެއްގެ ކުދިން ޝައުގުވެރިވާ ދާއިރާއެއް ކަމަށެވެ.