ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އެކުލަވާލެވުނުއިރު، ޑރ. ހައިދަރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ މަގާމަށެވެ. ނަމަވެސް، ފަހުން ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ހައިދަރު ބަދަލުކުރައްވާފައެވެ.

ޑރ. އަލީ ހައިދަރު ވަނީ ޕްލޭނިންގ ސްޓަޑީސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ. ބައިނަލްއަގުވާމީ މައިދާނުގައިވެސް ހައިދަރު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގައި ހިދުމަތް ކުރެއްވުމުގެ އިތުރުން، އެމެރިކާގައި ޑިވެލޮޕްމަންޓް ޕްލޭނިން ސްޕެޝަލިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ.

ޑރ. ހައިދަރު ދިވެހި ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1981 ވަނަ އަހަރުއެވެ. ހައިދަރު ވަނީ އޮފީސް ފޯ ފިޒިކަލް ޕްލޭނިން އެންޑް ޑިޒައިންގެ އެކި މަގާމުތަކުގައި ރާއްޖޭގެ ރަށްވެހި ތަރައްގީއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. މީގެ އިތުރުން، 2008 ވަނަ އަހަރުގެ ތެރޭގައިވެސް ޑރ. ހައިދަރު ވަނީ ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ.

މިނިސްޓަރު ކަމުގެ މަގާމުން ޑރ. ހައިދަރު އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.