ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން، މޯލްޑިވްސް ޒަކާތު ހައުސް އިން މަތީ ތައުލީމުގެ ހާއްސަ ސްކޮލަޝިޕް ފުރުސަތުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.
ޒަކާތު ހައުސްއިން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، މި ޕްރޮގްރާމުގެ ދަށުން މާސްޓާސް އަދި ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. މި ސްކޮލަޝިޕްތައް ހާއްސަކޮށްފައި ވަނީ އިސްލާމީ އެކި ދާއިރާތަކަށެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރީއާ، ގުރްއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާ އާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަގީދާ، ފިގުހު، އުސޫލުލް ފިގުހު، އަދި އިސްލާމީ ލީޑަޝިޕް އެންޑް މެނޭޖްމަންޓް ހިމެނެއެވެ.
ޖުމުލަ 30 ސްކޮލަޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، 10 ފުރުސަތަކީ ރާއްޖޭ އިން ކިޔެވުމަށް ދެވޭ ފުރުސަތު ކަމަށާއި ބާކީ 20 ފުރުސަތު ހަމަޖައްސާފައި ވަނީ ރާއްޖޭން ބޭރުގައި ކިޔެވުމަށް ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ. ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިސްލާމިކް ޔުނިވަސިޓީ، ގައުމީ ޔުނިވަސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް ފަދަ މުއައްސަސާތަކުން ކިޔެވޭނެއެވެ. ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިސްރުގެ އަލް އަޒްހަރް ޔުނިވަސިޓީ، މެލޭޝިއާގެ އައިއައިޔޫއެމް، އިންސިފް، ޔޫއެސްއައިއެމްގެ އިތުރުން ބުރުނާއީ އަދި ޕާކިސްތާނުގެ އިސްލާމީ ޔުނިވަސިޓީތަކުންނެވެ.
މީގެ އިތުރުން ޒަކާތު ހައުސް އިން ވަނީ ހާއްސަ ދެ ސްކީމެއް ވެސް ތައާރަފު ކޮށްފައެވެ. އެއީ ސައުދީ އަރަބިއްޔާއާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ 5 ފުރުސަތާއި، އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކު ރުމަށް ދޭ ހާއްސަ 5 ސްކޮލަޝިޕެވެ.
ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިން ކަމުގައި ވުން.
- މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ، އެކަޑަމިކް ޝަރުތުތައް ހަމަވާ، އަދި އެހެން އެއްވެސް މުއައްސަސާއަކުން މާލީ އެހީތެރިކަން ލިބެމުން ނުދާ ފަރާތްތަކަށް ވުން.
މި ފުރުސަތުތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ހާއްސަ ކޮމިޓީއަކުންނެވެ.
މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 1އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ޝަރުތު ހަމަވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް މި އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ޒަކާތު ހައުސްއިން އެދެއެވެ.
