ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގައި ވިޔަފާރީގެ ދާއިރާއަށް ހުސްވެގެން ކިޔަވާ ދަރިވަރުންގެ ނިސްބަތް އާދަޔާ ހިލާފަށް މަތިވަމުންދާތީ، އެކަމާމެދު ތައުލީމީ ދާއިރާގެ ތަޖުރިބާކާރު އަދި އެމްއެންޔޫގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ހޯއްދެވި ތަފާސްހިސާބުތަކާ ހަވާލާދެއްވައި ޑރ. ހަސަން ސޯޝަލް މީޑިއާގައި ވިދާޅުވީ، ކުޑަ އާބާދީއެއް އޮތް މިފަދަ ގައުމެއްގައި ސާނަވީ ފެންވަރުގައި ބިޒްނަސް ސްޓްރީމް އިހްތިޔާރުކުރާ ދަރިވަރުންގެ ނިސްބަތް 20 ޕަސެންޓަށް ވުރެ އިތުރުވުމަކީ ފުންކޮށް ވިސްނައި، ހާސްވާންޖެހޭ ވަރުގެ މައްސަލައެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ އިނގިރޭސިވިލާތާއި ސިންގަޕޫރު ފަދަ އިގްތިސާދުތަކުގައި ވެސް މި ނިސްބަތް އުޅެނީ ފަސްބައިކުޅަ އެއްބަޔަށްވުރެ ދަށުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ދަށު ސާނަވީ ނިންމާ ކުދިންގެ 49 ޕަސެންޓް ދަރިވަރުން (7،017 ކުދިން) އިމްތިހާނު ހަދަނީ ބިޒްނަސް ސްޓްރީމްގެ މާއްދާތަކުންނެވެ. ސައިންސް ސްޓްރީމްގައި 50 ޕަސެންޓް (8،957 ކުދިން) ބައިވެރިވިއިރު، އިޖުތިމާއީ އަދި އަދަބީ ދާއިރާތައް ކަމަށްވާ އާޓްސް ސްޓްރީމް އިހްތިޔާރުކުރީ އެންމެ ޕަސެންޓެއްގެ (111 ކުދިން) ދަރިވަރުންނެވެ.

މި ނަތީޖާއާ މެދު ސުވާލު އުފައްދަވަމުން ޑރ. ހަސަން ވަނީ މާޒީގައި މި އަދަދު 80 ޕަސެންޓަށް އަރައިގެން ދިއުމަކީ މިހާރު މުޖުތަމައުގައި ފެންނަން އޮތް ފަސާދައާއި ކޮރަޕްޝަނަށް މަގުފަހިވި ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށް ވިދާޅުވެފައެވެ.