މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޕްރޮގްރާމްތައް އަލުން އެކްރެޑިޓްކުރުމަށް އަންގައި، އަދި އެ އޮތޯރިޓީގެ ހިލޭ ހިދުމަތްތަކަށް ބައެއް އޭޖެންސީތަކުން ފީ ނަގަމުންދާތީ އެކަމަށް ސަމާލުވުމަށް އާންމުންނަށް ގޮވާލައިފިއެވެ.

އެމްކިއުއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރު ގެޒެޓުކޮށްފައިވާ “ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން” ގެ ދަށުން، ކުރިން ފާސްކޮށްފައިވާ ޕްރޮގްރާމްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަން ޖެހޭނެ ކަމަށެވެ. މިކަމަށް އެދި ކުރިންވެސް އިއުލާންކޮށްފައިވީ ނަމަވެސް، ގިނަ މަރުކަޒުތަކުން އަދިވެސް ހުށަހަޅާފައި ނުވާކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ އޮކްޓޯބަރު 22 ގެ ނިޔަލަށް އަލުން އެކްރެޑިޓް ނުކުރާ ޕްރޮގްރާމްތައް ބާތިލުވާނެ ކަމަށް އެމްކިއުއޭއިން ވަނީ އަންގާފައެވެ. އަދި މިފަދަ ޕްރޮގްރާމްތައް ހިންގާ މަރުކަޒުތަކުން އަންނަ މޭ މަހުގެ 31 ގެ ކުރިން އެ އޮތޯރިޓީއަށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، އެމްކިއުއޭއިން ނެރުނު ނޫސްބަޔާނެއްގައި، ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ބޭނުންވާ ސްޓޫޑެންޓް ވިސާ ހޯދުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދޫކުރާ ލިޔުން ހޯދައިދިނުމުގެ ނަމުގައި ބައެއް އޭޖެންޓުން ފައިސާ ނަގަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައެވެ.

އެމްކިއުއޭއިން ބުނީ، ދަރިވަރުން ކިޔަވަންދާ ޕްރޮގްރާމަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން އަންގައިދޭ “ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް” ލިޔުން ހޯދުމަށް ބައެއް ފަރާތްތަކުން ދަރިވަރުންގެ އަތުން ފީ ނަގަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. ނަމަވެސް މިއީ އެ އޮތޯރިޓީން އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ ފޯރުކޮށްދެމުން އަންނަ ހިދުމަތެއްކަން ވަނީ ފާހަގަކޮށްފައެވެ.

ތިންވަނަ ފަރާތެއް މެދުވެރިކޮށް މި ލިޔުން ހޯދަން އުޅުމުގެ ތެރޭގައި ބައެއް ދަރިވަރުންނަށް ވިސާ ހަމަނުޖެހި، ކްލާސްތަކުގައި ބައިވެރިނުވެވުމުގެ މައްސަލަތައް ދިމާވެފައިވާކަންވެސް އެމްކިއުއޭއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެއްވެސް އޭޖެންޓަކު މެދުވެރިނުކޮށް، ސީދާ ދަރިވަރުން އަމިއްލައަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެމްކިއުއޭގެ އޮފީހަށް ގޮސްގެން މި ލިޔުމަށް އެދުމަށް އެ އޮތޯރިޓީން ވަނީ އިރުޝާދު ދީފައެވެ.

ސަރުކާރުގެ ސްޓޫޑެންޓް ލޯނުގެ ފުރުސަތުތައް މުޅި އަހަރަށް ހުޅުވާލައި، ލޯނު ހޯދުމުގެ އުސޫލުތަކަށް ލުއިތަކެއް ގެނެސްފައިވާއިރު، އެމްކިއުއޭގެ މި ލިޔުމަކީ ލޯނަށް އެދުމަށާއި ވިސާ ހޯދުމަށް ކޮންމެހެން ބޭނުންވާ މުހިންމު ލިޔުމެކެވެ. މިފަދަ ކަންކަމުގައި އޮޅުވާލުންތަކުން ސަލާމަތްވުމަށްޓަކައި، އެމްކިއުއޭގެ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސީދާ އެ އޮތޯރިޓީއާ މުއާމަލާތްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.