ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އަމާޒުކޮށްގެން، ނޭޝަނަލް ޑިޖިޓަލް އޭއައި ލިޓަރޭސީ ނުވަތަ ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެ ވަރުގަދަ ކެމްޕެއިނެއް "ޑިޖިޓަލް ފޯ އޯލް" ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ މުހިންމު ވަޒީރުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހްސާނާއި، ހެލްތު މިނިސްޓަރު ގީލާ އަލީ އެންވާރަމަންޓް މިނިސްޓަރު އަލީ ޝަރީފު ހިމެނިވަޑައިގަންނަވައެވެ.
މި މަޝްރޫއަކީ ދާހިލީ ވުޒާރާ އާއި ތައުލީމީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ކެމްޕެއިން އޮޕަރޭޝަނަލައިޒް ކުރާނީ ފިއުޗާ އިންސްޓިޓިއުޓުން ކަމަށްވާ އިރު، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނީ މައިންޑްކޯއިންނެވެ. މިއީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާނެ ހަރަކާތެކެވެ.
"ޑިޖިޓަލް ފޯ އޯލް" ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ރާއްޖެ ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ކުރާ ދަތުރުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމެވެ. ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ފުޅާވަމުންދާއިރު، ހަމައެކަނި އެ ވަސީލަތްތަކަށް އެކްސެސް ލިބުމުގެ ބަދަލުގައި، އެ ތަކެތި ފައިދާހުރި ގޮތެއްގައި ބޭނުންކުރަން އެނގޭ، އިތުބާރާއެކު ޓެކްނޮލޮޖީ ބޭނުންކުރާ މުޖުތަމައެއް ބިނާކުރުމަކީ މި ކެމްޕެއިންގެ އަމާޒެކެވެ.
މި ކެމްޕެއިންގެ ދަށުން ކޮންމެ އަހަރަކު 75،000 މީހުން ތަމްރީން ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 3 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225،000 މީހުންނަށް ޑިޖިޓަލް ހުނަރުތައް އުނގަންނައިދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ހަރަކާތަކީ ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ކެމްޕެއިނެކެވެ.
މިހާރު މި މަސައްކަތަށް ހާއްސަ ގައުމީ ފެންވަރުގެ ފްރޭމްވޯކެއް އެކުލަވާލާފައިވާ އިރު، މައިންޑްކޯއިން މައުލޫމާތު ދޭ ގޮތުގައި ކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކުން އެސެސްމަންޓެއް ފުރިހަމަކުރަން ޖެހޭނެއެވެ.
މި ކެމްޕެއިންގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ "ޓްރޭނިން އޮފް ޓްރޭނާސް" ޕްރޮގްރާމްތަކެވެ. އެއަށްފަހު، ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ރާއްޖޭގެ 6 އަތޮޅެއްގައި މި ހަރަކާތް ފަށާނެއެވެ. މިގޮތުން ރަށްތައް ހޮވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އާބާދީގެ ގޮތުން ބޮޑެތި ރަށްތަކަށް ކަމަށް ކަމާބެހޭ ވުޒާރާތަކުން މަޢުލޫމާތު ދެއެވެ.
