ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެނެޓުގެ މެންބަރު ކަމުން ޑރ އަބްދުﷲ އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ.
ޕީއެންސީގެ ރައީސްއަށް އަބްދުﷲ ފޮނުންވެވި ސިޓީއެއްގައި ވިދާޅުވީ، ޕީއެންސީގެ މެންބަރެއްގެ ހައިސިއްޔަތުން ބުރަކޮށް އިލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވީ ދިވެހި ގައުމިއްޔަތާއި އިސްލާމީ ރިވެތި އުސޫލުތައް ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި، ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދެވި ޕާޓީއަކަށް ވާތީ ކަަަމަށެވެ.
ނަމަވެސް މިއަދު ފެންނަމުން ދަނީ ފާޅުގައި ރައީސް އާމީންގެ އަތްޕުޅުން ޕާޓީ ފޭރިގަނެގެން، ޖާހިލިއްޔަތާއި ހަސަދަވެރިކަމާއި އަދާވާތްތެރިކަން އިސްކުރާ ފަރާތެއްގެ އަމިއްލަ އެދުންތަކެއް ހާސިލުކުރުމާއި، ގައުމިއްޔަތުގެ ތަނބުތައް ފުނޑުފުނޑު ކޮށްލުށްޓަކައި ގަސްދުގައި ޑިމޮކްރެޓިކް ހަމަތަގެ ބޭރުން ރައްޔިތުންގެ ވިންދާ ދެކޮޅަށް މީހަކު މަސައްކަތް ކުރާހެން، ވަކި މީހެއްގެ ވަކިތަކުގެ ދަށަށް ޕާޓީ ގެންގޮސް ކަންކަން ކުރަމުން ގެންދާ ތަން ކަމަށެވެ.
ޑރ އަބްދުﷲ އިބްރާހިމް ވިދާޅުވީ، މިހާލަތުގައި އެޕާޓީގައި ހުންނެވުމަކީ އިސްލާމީ ރިވެތި އުސޫލުތައް ނެގެހެއްޓުމާއި، އަނިޔާވެރިކަމާއި ކޮރަޕްޝަނަން އިދިކޮޅަށް މަސައްކަތްކުރުމާއި ގައުމިއްޔަތުގެ ރުކުންތައް ނަގަހައްޓާ ދެމެހެއްޓުމަށް ރައީސް ޔާމީންގެ ސިޔާސަތުގެ ތެރެއިން، ވަކަލާތު ކުރަމުން އައި ރޫޙާ ހިލާފު ކަމަކަށް ވާތީ، މިއަދުން ފެށިގެން ޕީއެންސީގެ ސެނެޓުގެ މެންބަރު ކަމުންނާއި އެޕާޓީގެ މެންބަރު ކަމުން އިސްތިއުފާދެއްވާ ކަމަށެވެ.
ޑރ އަބްދުﷲ އިބްރާހިމް އިސްތިއުފާ ދެއްވާފައި ވާއިރު އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝިފާގު މުފީދު (ހިސްޓޯ) ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.