ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރު ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މިހާރު އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓާ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 150 ވަނަ އެސެމްބްލީގެ ބަހުސްގައި ތަގުރީރުކުރައްވަމުންނެވެ.
އައިޕީޔޫގެ މި ފަހަރުގެ އެސެމްބްލީގެ މައުޟޫއުއަކީ "އިޖްތިމާއީ ތަރައްގީއާއި އިންސާފަށް ގާނޫނުހަދާ މަޖިލިސްތަކުގެ ދައުރު" އެވެ. މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ގާނޫނު ހެދުމާއި ގާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމާއި އަދި ސިޔާސީ އިހްތިޔާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ޖެންޑާ އިކުއަލިޓީ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނު ހިމެނޭ ގޮތަށް އިޖުތިމާއީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ގާނޫނުތައް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް މި ގާނޫނުތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް މުއިއްޒު ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ހިދުމަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެގޮތް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިގްތިސޯދީ ބާރުވެރިކަން ކުރިއަރުވައި ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވައި އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނާއި ތަމްރީނުގެ ޕްރޮގްރާމްތައް ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ ގޮންޖެހުންތަކާއި ހުރި ފުރުސަތުތައް ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ޑިޖިޓަލް ޒަމާނުގައި އެއްވެސް މީހަކު ފަހަތަށް ނުޖެހޭނެ ގޮތް ހެދުމަށްޓަކައި އައިސީޓީ، ޑިޖިޓަލް އިންކްލޫޝަން، އަދި އީ-ގަވާނެންސްއަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި މިފަދަ ނާޒުކު ގައުމުތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް އައިޕީޔޫގެ މެމްބަރުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވެވިއެވެ.
މީގެއިތުރުން އަބްދުއްރަހީމް ވަނީ މަޝްވަރާއާއި ސިޔާސީ އަޒުމް އާކުރުމަށް ގޮވާލައްވާފައެވެ. އަބްދުއްރަހީމް ވަނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއި ކަރާމާތްތެރިކަމާއެކީ ދުނިޔޭގެ ސިޔާސަތު ކަނޑައެޅުމަށް ގާނޫނު ހަދާ މަޖިލިސްތަކަށް ގޮވާލައްވާފައެވެ.
ގާޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ހާލަތާމެދު ދިވެހިރާއްޖޭގެ ކަންބޮޑުވުން ފާޅުކުރައްވާ އަބްދުއްރަހީމް ވަނީ އެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ދެމެހެއްޓުމަށް ބައިނަލްއަގްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލައްވާފައެވެ.