ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ އިހްތިޔާރު މަޖިލީހަށް ލިބިގެންވާ ކަމަށާއި، އެހެންކަމުން ބިލުތައް އިސްލާހުކުރުމަކީ މަޖިލީހުގެ މެންޑޭޓުން ބޭރުވުން ކަމަށް ދެކެވަޑައިގަންނަވައިގެން ވާހަކަ ނުދެއްކެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހަށް ކުދި ބަދަލުތަކެއް ގެނެސް، ތަޅުމަށް ކޮމިޓީގެ ފަރާތުން ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ، ކޮމިޓީން ބިލު އިސްލާހުކުރީ ހުށަހެޅި މަގްސަދާ ހިލާފަށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ބަދަލު ގެނައުމަކީ މަޖިލީހަށް ލިބިދީފައިވާ އިހްތިޔާރީ ކަމެއް ކަމަށާއި، ބިލުތަކަށް ބޭނުންވާ ބަދަލު ގެނައުމުގެ އިހްތިޔާރު މަޖިލީހަށް ލިބިދީފައިވާ ކަމަށެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ، ބިލަށް ބަދަލު ގެނައުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ބިލަށް ބަދަލު ގެނައީ ރަނގަޅަށް ނޫން ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ ބިލެއް ހުށަހަޅާއިރު އޮންނަ ގޮތަށް ފާސްކުރުމަކީ އެއީ ކޮންމެހެން ރައްޔިތުންގެ މަޖިލީހުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫނޭ، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް އެ ބިލަކަށް ގެންނަވަން ބޭނުންފުޅުވާ ބަދަލެއް ގެނެސްގެން އެ ބިލެއް މަޖިލީހުން ފާސްކުރުމުގެ ބާރު ގާނޫނުތަކުން އެބަ ރައްޔިތުންގެ މަޖިލީހަށް ލިބިދޭ، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓުގަ ހިމެނޭ ކަމެކޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.