ރޯދަ މަހު ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީސް ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ މަޖިލީހުގެ މެންބަރުންނަށް ރަމްޟާން މަހުގެ ތަހުނިޔާ އަދާކުރައްވާފައެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރަމަޟާން މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނީ ހެނދުނު 10:30 އިން މެންދުރު ފަހު 2:00 އަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ޖަލްސާތަކުގައި ހުސްވަގުތު ދިނުމަށް ކަނޑައަޅާފައިވާ ވަގުތަކީ 12:00 އިން 1:00 އާ ދެމެދު ކަމަށް އަބްދުއްރަހީމް ވިދާލުވިއެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ދެން މަޖިލީހުގެ ޖަލްސާ އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަންނަ ރަމަޟާން މަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ނިންމާފައި މި ވަނީ މި މަހުގެ 13 ވަނަ ދުވަހު މަޖިލިސް މެންބަރުން ޗުއްޓީއަށް ދާން ހުށަހެޅި އިސްލާހު ފާސްކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި ވަނިކޮށެވެ. މި އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
އޭނާ ހުށަހެޅުއްވީ ފުރަތަމަ ދައުރުގެ ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް ދައުރު ކުރުކޮށްލުމަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ގޮތަށް ހެދުމަށެވެ.