ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޕާޓީގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ޕާޓީ ހިންގުން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރަށް ހަވާލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ޕީއެންސީއިން ދޮގުކޮށްފިއެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ސެކްޓްރީ ޖެނެރަލް މުއާޒް ހަލީމް ވަނީ އެ ވާހަކަ ދޮގުކުރައްވާފައެވެ.
މުއާޒް ވިދާޅުވީ ޗެއާޕާސަންގެ މަގާމުން އަބްދުއްރަހީމް ވަކިކޮށްފައި ނުވާ ކަމަށާއި މަގާމުގެ މަސްއޫލިއްޔަތު ވެސް ނަގާފައިނުވާ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް ވެސް ކުރިއަށް ނުދާ ކަމަށެވެ.
މުއާޒް ވިދާޅުވީ މަގާމުން އަބްދުއްރަހީމް ވަކިކޮށް ޕާޓީ ހިންގުން ފަލާހްއާ ހަވާލުކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކައަކީ ކަނޑައެޅިގެން "ބުހުތާނު ދޮގު" ވާހަކައެއް ކަމަށެވެ.
2 ބޭފުޅުންނަކީ ވެސް ލީޑާޝިޕަށް ނިސްބަތްވާ 2 ބޭފުޅުން ކަމަށާއި ޕީއެންސީގެ ހިންގުން އޮންނަނީ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މުއާޒް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ބަދަލެއް ގެންނަނަމަ އެކަން ސެކެޓްރީ ޖެނެރަލް (މުއާޒްއަށް) އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.