މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކަން ކުރާ މަސައްކަތަކީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީގައި ފޯމް ހުށަހެޅުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

އާޒިމް ވިދާޅުވީ، މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކަން ކުރާ މަސައްކަތަކީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށެވެ. މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފިނަމަ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުން ގެންގުޅުނު ޕްލޭނު ތަންފީޒުކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

މިވަގުތު އަޅުގަނޑުމެންނަށް އެންމެ މުހިއްމީ އަތުގައި ހުރި ފައިސާ އިން އެމީހުންނަށް އުޅެވޭނެ ގޮތެއް ހަދައިދިނުން. މިވަގުތު މާލޭގައި އުޅޭ ދަތި ހާލުން ސަލާމަތްކޮށްދޭން އެންމެ އަވަހަށްކޮށްދެވޭނެ ކަމަކީ ގުޅިފަޅާއި، ގިރާވަރާއި، އުތުރުތިލަފަޅު ތަރައްގީކޮށްދިނުން.
އާޒިމް

އާޒިމް އިތުރަށް ވިދާޅުވީ، މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުންނާ ބައްދަލުކުރައްވާ، ކަންކަން ނިންމެވުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށާއި މަސައްކަތްތައް ކުރިއަށްދާގޮތާއި، މަސައްކަތެއް ލަސްވާނަމަ އެކަމުގެ ތަފްސީލު ވެސް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

އާޒިމް ވަނީ މާލެއަކީ މީހުން ދިރިއުޅޭ ހިތްވާ ތަނަކަށް ހަދައިދެއްވާނެ ކަމަށް ކަމަށް ވިދާޅުވެފައެވެ.

މިހާރު މާލެ އަކީ މީހުން ދިރިއުޅޭ ހިތްވާ ތަނެއް ނޫން. މިތަނުގައި މީހުން ދިރިތެޅެނީ. އަޅުގަނޑުމެން އެބަޖެހޭ ދިރިއުޅޭ ތަނަކަށް ހަދައިދޭން. ދިރިއުޅޭ ހިތްވާ ތަނަކަށް ހަދައިދޭން
އާޒިމް

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާއެކު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވަން މަގާމުން އިސްތިއުފާ ދެއްވުމުވާ ގުޅިގެންނެވެ.

އާޒިމް އެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު އާޒިމްއަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަގާމުތައް ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމަވާފައިވާއިރު އެ މަގާމަށް ކުރީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވާދަކުރައްވަން ނިންމަވާފައިވާއިރު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްއިން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވާދަކުރައްވައެވެ.