މި ހަފުތާއިން ފެށިގެން ރަސްފަންނު ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ.
ރަސްފަންނު މަރާމާތުކުުރުމުގެ ކަންކަން ބެލެހެއްޓުމު ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާތީ އެ ފަރާތާއެކު ވެފައި އޮތް އެއްބަސްވުން އުވާލުމުން ފަހަކަށް އައިސް އައިސް ރަސްފަންނުގެ ހާލަތު އޮތީ ވީރާނާވާ ހާލަތުގަ އެވެ. އެއާއެކު މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރަސްފަންނު ބަންދުކުރީ ހުސްވި ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި މިނިސްޓަރ ޑރ. އަބްދުالله މުއްތަލިބް އަދި މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރަސްފަންނު މަރާމާތުކުރުމުގެ ދަށުން މިހާތަނަށް ކުރެވިފައިވަނީ:
- ބީޗުން ގިރައިގެން ގޮސްފައިވާ ސަރަޙައްދުތަކަށް ވެލި އަޅައި އެއްވަރުކުރުން
- މޫދަށް ފައިބާ ސަރަޙައްދަށް ޖަމާވެފައިވާ ޗަކަ ނެގުން
- ބީޗުގެ އެކި ސަރަހައްދުގައި ބަހައްޓާފައިވާ ޝަވަރ އޭރިއާތަށް މަރާމާތުކުރުން
- ހަލާކުވެފައިވާ ހަޓްތައް މަރާމަތުކުރުން
- އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޖޯލިތައް މަރާމާތުކުރުން
- ބާބަކިއު ސްޓޭންޑްތަށް މަރާމާތުކުރުން
މި މަސައްކަތްތައް މިނިސްޓްރީގެ ބެލުމުގެދަށުން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯކްސް, އެމްޓީސީސީ, ވެމްކޯ, އާރްޑީސީ, އެމްއެންޑީއެފް, އެޗްޑީސީ, އަދި އެމްޑަބްލިއުއެސްސީ ގެ އެހީތެރިކަމާއެކުގައެވެ.
މިހާރަށް ބޭނުންވާ ވަގުތީ މަރާމާތުތަކަށްފަހު މި ހަފުތާއިން ފެށިގެން ރަސްފަންނު ސަރަޙައްދު އާންމުންނަށް ހުޅުވާލާފައިވީ ނަމަވެސް އިތުރު މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވަފައެވެ. އަލުން އެތަން ވީރަނަވާން ދޫކޮށް ނުލައްވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރަސްފަންނު ބަލަހައްޓަމުން ދާނީ ކައުންސިލުން ކަމަށް މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.