މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ހުރި ބިން ސާފުކުރުމަށްފަހު، އެތަނުގައި ތަރައްގީ ކުރަމުން އަންނަ މައިޒާނަށް "މާފަންނު މައިޒާން" ގެ ނަމުން ނަން ދީފިއެވެ.

މި މައިޒާނަށް މާފަންނު މައިޒާނުގެ ނަމުން ނަން ދީފައިވަނީ މިއަދު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 195 ވަނަ ޖަލްސާގައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މި ނަން ދީފައިވަނީ ބައިވެރިވި ހުރިހާ ކައުންސިލަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މި މައިޒާން ތަރައްގީކޮށް ނިމޭއިރު އެތަނުގައި އެ މައިޒާނުގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު އޮތް ޕާކިން ޒޯން ސަރަހައްދުގައި 3 ބާސްކެޓް ކޯޓެއް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި އަދި މަޖީދީމަގުގެ ތޮއްޖެހުން ކުޑަކުރުމަށް އެ ތަނުގައި ބަސް ސްޓޮޕް އެއްވެސް ތަރައްގީ ކުރެވިގެން ދާނެ ކަމަށެވެ.

މީގެއިތުރުން 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއްވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި، ރަސްމިއްޔާތު ތަކާއި، ހަފްލާތައް ބޭއްވުމަށް ހާއްސަ ގްރީން އޭރިއާއެއް ތަރައްގީ ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ކަސްރަތުކުރުމަށް ހާއްސަ 496 އަކަ ފޫޓް ސަރަހައްދެއްވެސް ގާއިމުކުރެވިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ބުނީ މި މައިޒާން ފެހިކޮށް ބޭއްވުމަކީ ކައުންސިލްގެ އަމާޒެއް ކަމަށާއި، މިކަން ހާސިލުކުރާނީ މާފަންނު ރައްޔިތުންގެ ބައިވެރިވުމާއި އެކު ކަމަށެވެ. އެގޮތުން މައިޒާން ތަރައްގީކުރާ ސަރަހައްދުގައި ގަސްއިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، ބޮޑަށް ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން މޭވާއާއި ތަކުރާރީ ގަސްތައް އިންދުމަށް ސަމާލުކަން ދޭނެކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި މައިޒާން ތަރައްގީކުރެވިގެން ދިއުމާއެކު މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެއާއެކު މި މައިޒާނަކީ 24 ގަޑީރު ބޭނުންކުރެވޭނެ ފަދައިން ތަރައްގީ ކުރާ މައިޒާނެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.