މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުަމށް ކުރާ މަސައްކަތުގެ ތެރެއިން މާލޭގެ ހަނި ގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިއީ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ފަސޭހަ ކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް މާލޭގެ މޭޔަރު، އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނާއި، އަދި ވެސް ގާ އަތުރައި ޕޭމެންޓް ހެދިފައިނުވާ ގޯޅި ތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން، އެ ގޯޅިތަކުގެ ހާލަތު ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމުން، އެ ގޯޅި ތަރައްގީ ކުރުމުގެ މަސައްކަތް ކައުންސިލުން ކޮށްދެއްވާނެކަމަށެވެ.

އަދި މި ކަމުގައި ވެސް ރައްޔިތުންގެ ފަރާތުން، މިހާރު ވެސް ލިބެމުންދާ ފުރިހަމަ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް މާލޭގެ ބައެއް ގޯޅިތައް ހަލާކުވުމުން ވެސް މަރާމާތު ނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވުމުން، އެ ގޯޅި ތަކުގައި ދިރި އުޅުއްވާ ބޭފުޅުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ހަނި ގޯޅިތަކުގައި ރަނގަޅަށް ގާ އެތުރިފައިނުވާކަމާއި ހަނިގޯޅިތަކުގައި ބުޅަލުގެ ނަޖިސް ހުންނަ ކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ލިބޭ. އަދި އެ ގޯޅިތަކުގައި އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުއްވާ ބޭފުޅުންނަށް އަނިޔާވެ، ގެއްލުންތައް ލިބޭ. އެ ކަންކަން ވެސް ބަޔާންކޮށް، މި ފަދަ ދަތިތަކާބެހޭ މަޢުލޫމާތު ހިމެނޭ ސިޓީއެއް ކައުންސިލަށް ފޮނުއްވައިދެއްވުން އެދެން. ތިޔަ ބޭފުޅުންގެ ފަރާތުން މި ފަދަ މަޢުލޫމާތު ލިބިއްޖެނަމަ، އެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ތިޔަ ބޭފުޅުންނަށް މިހާރު ދިމާވާދަތިތައް ހައްލު ކުރުމުގެ މަސައްކަތްކުރާނެ ވާހަކަ ދަންނަވަން.''
އާޒިމް

އަދި ހަމައެހެންމެ އާޒިމް ވިދާޅުވީ، ކައުންސިލްގެ އަމާޒަކީ މި ފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް ހިތް ފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުމަށް ކަމަށެވެ.

އަދި މި ކަންކަން ހާސިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވި ދުވެލީގައި މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.