މާލޭގެ ތިން ސަރަހައްދެއްގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މި މަސައްކަތުގެ ތެރޭގައި މަގުތަކުގައި ފެން ހަރުލާ ސަރަހައްދުތަކުގެ ކާނުތައް ސާފުކޮށް، އެ ސަރަހައްދުތަކުގައި ފެން ހިންދުމަށް ހޮޅިއަޅާ ގުޅުވައި މަރާމާތުކުރުން ހިމެނެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މި މަސައްކަތް ކުރިއަށްދަނީ މައިގަނޑު ތިން ސަރަހައްދެއްގައެވެ. އޭގެ ތެރޭގައި ގ. މަޖީދީމަގު (އަތަމާ ޕެލަސް ކުރިމަތި) ހިމެނެއެވެ. މި ސަރަހައްދުގައި ހަރުލާ ފެންގަނޑު ހިންދުމަށްޓަކައި ފާށަނާކިލޭގެފާނު މަގުގެ ކާނުތަކާއި މަޖީދީމަގުގެ ކާނުތައް ހޮޅިއަޅައިގެން ގުޅުވައި، އެ ސަރަހައްދުގެ މަގުތައް ފެން ނުހެދޭނެހެން މަރާމާތު ކުރާނެއެވެ.
ހަމަ އެހެންމެ މަޖީދީ މަގުގެ ބައެއް ސަރަހައްދުގެ ކާނުތައް ސާފުކޮށް، މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. އަދި ސޯސަން މަގުގެ ބައެއް ސަރަހައްދުގެ ކާނުތައް ސާފުކޮށް، މަގު މަރާމާތުކުރުމުގެ މަސައްކަތް ހިނގަމުންދެއެވެ.
މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން އިތުރު ފިޔަވަޅުތަކެއްވެސް އަޅަމުންދެއެވެ. އޭގެ ތެރޭގައި ދާދި ފަހުން ޒަމާނީ ފެންވަރުގެ "ގްލޯބަލް" ދެ ޕަންޕު ގެނައުމާއި، އިތުރު ދެ ޕަންޕު ގެނައުމަށް ނިންމާފައިވެއެވެ. މި މަސައްކަތްތަކުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ކައުންސިލުން ބުނެއެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް، ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުޙައްމަދު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން މަސައްކަތް ހިނގާ ސަރަޙައްދަށް ރޭ ޒިޔާރަތްކުރައްވާ މަސައްކަތް ކުރިއަށް ދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.