ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތު ކުރާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) ގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީއިން ބުނީ ފުލުހުންގެ ތަހުގީގުން މިހާތަނަށް ހޯދާފައިވާ ކަންކަމަށް ބަލާއިރު އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ބައިގައި ދަޢުވާކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ބައެއް އެޕާޓްމަންޓް 6 މީހުން އަދި 7 މީހުންނަށް ވިއްކާފައިވާކަން ފާހަގަކުރެވޭ ކަމަށް ޕީޖީއިން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުސައިން ޝަމީމް ވިދާޅުވީ ޝަމީމް ވިދާޅުވީ އެ މައްސަލާގައި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި އޮޅުވާލުމުގެ ކުށުގެ ދައުވާއާއި ޓެކުމުގެ ކުށުގެ ދައުވާ އަދި މަނީލޯންޑްރިންގެ ކުށުގެ ދައުވާ މަމްދޫހުގެ މައްޗަށް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ މީހެއްގެ މައްސަލާގައި ވަކި ވަކިން ދައުވާ ކުރާނެ ކަމަށާއި އަދަބުވެސް ލިބެން ޖެހޭނީ ވަކިން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އެ މައްސަލާގައި މި އަންނަ ހަފްތާގެ ކުރީ ކޮޅު ކޯޓަށް ހުށަހެޅޭ ވަރުވާނެ ކަމަށާއި މިހާތަނަށް ހުރީ ކުށުގެ ޝިކާރައަކަށްވި ބައެއް މީހުންގެ މައުލޫމާތު ކަމަށެވެ. އައި އެ މައުލޫމާތުތަކުންވެސް ގާތްގަނޑަކަށް 225 ދައުވާ މަންޑޭގެ މައްޗަށް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލާގައި އެފްޑަބްލިޔުގެ ޕެންޓް ހައުސްއެއް އެއް އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއިއެއީ މަނީލޯންޑްރިންގެ ފައިސާއިން ގަނެފައިވާ އެޕާޓްމެންޓެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ފެންނަން ހުރި ލިޔުންތަކުން ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހުންނަށް ވިއްކާފައި ލިބުނު ފައިސާއިން ޕެންޓް ހައުސްގަނެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭރު އެ އެޕާޓްމެންޓުގެ އަގަކީ 7.8 މިލިއަން ރުފިޔާ ކަމަށާއި އެ އެޕާޓްމެންޓު ބަލާ ފާސްކުރި އެތަނުގައި ހުރި މުދަލުގެ އަގު ގާތްގަނޑަކަށް 7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެތަނުގައި ނުކަނޑާހުރި 200 ވަރަކަށް ސެންޓް ފުޅިއާއި 90،000 ރުފިޔާގެ ލަގްޒަރީ އަތް ދަބަހާއި 10،000 އާއި 25،000 ޑޮލަރުގެ ގަހަނާ ހުރިއިރު އެތަނުން ފެނުނު ތަކެތީގެ އަގު 7 މިލިއަނަށް އަރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެތަނުގައި ހުރި މުދަލާ އެ އެޕާޓްމަންޓް ގަންނަން ހޭދަކުރި ފައިސާ ބަލާއިރު ދައުލަތުގެ ބައެއް އިދާރާތަކުގެ އަހަރެއްގެ ބަޖެޓަށްވުރެ ބޮޑު ކަަމަށެވެ.