ނ. މަނަދޫގައި މިދިޔަ އޭޕްރިލް މަހު މަރާލި ނައީމާ މޫސާގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ނައީމާ މަރާލި މައްސަލައިގައި ފުލުހުން ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ:

  • ހަސަން ފަވާޒު، 21 އަހަރު
  • އަބްދުލްވާހިދު ރިފާސް، 21 އަހަރު
  • އަހްޒަމް އަބްދުއްޝަކޫރު، 23 އަހަރު

މަނަދު އަށް ނިސްބަތްވާ މި ތިން މީހުންގެ ތެރެއިން ފަވާޒާއި އަހުޒަމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ ތިން މީހުންގެ ތަހްގީގު ނިންމައި، ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައި ވަނީ މީގެ ފަސް ދުވަސް ކުރިންނެވެ.

މަނަދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހުގައެވެ. ނައީމާގެ ގޭގެ ދޮރު ހަލާކު ކޮށްލައި ފުލުހުން ވަދެ ބެލިއިރު ފެނުނީ މަރާލާފައި އޮތް އޭނާގެ ހަށިގަނޑެވެ.