ގެދޮރުވެރިޔާ ސްކީމް މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށާއި އަދި ދައުވާކުރަން ހުށަހަޅާފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 3 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ޕީޖީ އޮފީހުން ބުނީ މި މައްސަލަ އަދި އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށެވެ. އަދި މި މަހުގެ 3 ވަނަ ދުވަހަށް ޑިއުޓީ ޕްރޮސެކިއުޝަން ތާވަލުކުރި ނަމަވެސް މައްސަލައިގެ ލިޔެކިޔުންތައް އޭސީސީއިން ޕީޖީ އޮފީހަށް ގެނެސްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ޑިއުޓީ ޕްރޮސިކިއުޝަންއަކީ ޖިނާއީ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ވަގުތު ތަހުގީގުކުރާ އިންވެސްޓިގޭޓަރުންނާއި ޕްރޮސިކިއުޓަރުން މަޝްވަރާކުރުމަށް ގާއިމުކޮށްފައިވާ ނިޒާމަކަށް ވާއިރު، ދައުވާކޮށްދިނުމަށް އެދި މައްސަލައެއް ހުށަހެޅޭނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ނިންމުމަށްފަހުގައެވެ.

ޑިއުޓީ ޕްރޮސިކިއުޝަންއަކީ ތަހުގީގު މަރުހަލާގެ ބައެއްކަމުން ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ހިނގާ މުއްދަތު ގުނާނީ ތަހުގީގު މުއްދަތުގެ ތެރެއިންކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އޭސީސީއިން ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަމުގެ ހެކިގަރީނާ އޭސީސީ އަދި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (މއ. އެވާލާސްޓް)، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު އާރިފް (ހއ.އިހަވަންދޫ، ނެދުންގެ)، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވްގެ ޟިރުއާމް ވަހީދު (މއ.ވިރާހް) އަދި ހައުސިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ އަހްމަދު ވިޝާން ނަސީމް ( މއ.އިހާދޫ) ދައުވާ ކުރަން އޭސީސީއިން ވަނީ ނިންމާފައެވެ.

މި މައްސަލައިގެ ތަހުގީގުގައި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ ކުށްތައް ތަހުގީގުކުރުމުގެ މަސައްކަތް އޭސީސީ އަދި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށް އޭސީސީއިން މީގެކުރިން ބުނެފައިވެއެވެ.