ހ. މީޓާޒުގޭ ގުދަނުގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފިއެވެ،

މި މުޒާހާރާގައި ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށް ތިން ދުވަހަށް ބަންދުކޮށްފައިވާއިރު ފަހުން އެމީހުން ވަނީ ދޫކޮށްލާފައެވެ. އަދި ބަންދުން ދޫކޮށްލުމުންވެސް އެ ދެމީހުން މުޒާހާރާގެ އިސް ސަފުން ފެނިގެން ގޮސްފައިވާއިރު، އެ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ޕީޖީން ބުނީ މި މައްސަަލައިގައި މަހްޒޫމްގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ. އެ މާއްދާގައި އޮންނަނީ އަނިޔާއެއް ކުރުމުގެ ދައުވާއަށްވާއިރު އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހެވެ.

ޕީޖީން ހުށަހެޅި މައްސަލައިގައި ބުނީ މަހްޒޫމްގެ މައްޗަށް ދައުވާކޮށްފައިވަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ ކަމަށެވެ.

މީގެ އިތުރުން ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހެވެ.

ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީކަމަށް ޕީޖީން ވަނީ ބުނެފައެވެ.