މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި އެފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ 15:13 އެހާކަންހާއިރު މީހަކު އިސްކަންދަރުމަގު މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަދު އެވެ.

މިމައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު (36އ) ގެ މައްޗަށެވެ.

ފަވާޒް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މެއި 13 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަވާޒް ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އެގޮތުން ފަވާޒަށް ވަނީ ޓެރަރިޒަމްގެ މައްސަލައެއްގައި 2012 ވަނަ އަހަރު 15 އަހަރުގެ ހުކުމެއްވެސް އިއްވާފައެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ވެސް އޭނާ އެކި ފަހަރު މަތިން ހައްޔަރުކޮށްފައި ވެއެވެ.