ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ރަނގަޅު ކަމަށް ނިންމައި ހައި ކޯޓުން ނެރުނު އަމުރު ސްޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން ޝަމްއާން ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ވަނީ 15 ދުވަހަށް ބަންދު ކޮށްފައެވެ. އަދި ތަހުގީގީ އިދާރާތަކުން ހުށަހެޅި ހުށަހެޅުންތަކާއި ގުޅިގެންނާއި، ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބެލެވޭތީ، ފަހުން ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ އަމުރު ބާތިލުކުރުމަށް އެދި ޝަމްއާންގެ ފަރާތުން މި މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ޝަމްއާންގެ ފަރާތުން އެދިފައި ވަނީ ޝަމްއާންގެ މައްޗަށް ހިންގާ ތަހުގީގުގައި އޭސީސީގެ ދައުރެއް ނެތުމާއި އެ މައްސަލަ ފުލުހުންގެ މުއައްސަސާއިން އެކަނި ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާތާ ހިލާފު ކަމެއްކަމަށެވެ. ނަމަވެސް ހައިކޯޓުން މި މައްސަލަ ބަލައި ނިންމީ އެއީ ޖިނާއީ އިޖުރާތާ ހިލާފު ކަމެއް ނޫން ކަމަށެވެ.

އެއާއެކު ޝަމްއާން ވަނީ އޭނާ ޝަރީއަތް ނިމެން ދެން ބަނދުކުރަން ކުރި އަމުރުގެ މައްސަލަ ސުޕްރީމް ކޯޓަސް ހުށަހަޅާފައެވެ. މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މަނީ ލޯންޑަރިންގެ ކުށާ ގުޅުވައި އަންނަނީ ކޮރަޕްޝަންގެ ކުށެއް ކަމަށް ވާތީ އެ ތުހުމަތު އޭސީސީއަށް ނުބައްސައި، ފުލުހުންނަށް އެކަނި އެ މައްސަލަ ބެލިދާނެތޯ ބަލާއިރު ފާހަގަވާ ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ހާލަތުގައި ބަންދާމެދު ގޮތެއް ނިންމުމަށް އެދުމުގައި ފުލުހުންނަށް ގާނޫނީ ހުރަހެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޝަމްއާން ބަންދު ކުރުމަށް ނިންމީ މައްސަލައިގެ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުން ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓާފައިވާ ކަމަށާއި، އެ ނިންމުން ދެމެހެއްޓި ގޮތް ގޯސްވާ ގޮތެއް ޝަމްއާންއަށް ބުނެދެވިފައި ނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މި ދެފަނޑިޔާރުންގެ ރައުޔު ވެސް އެއްގޮތް އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ފުރަތަމަ އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ހައިކޯޓުގެ ދެވަނަ އަމުރު ވެސް ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.