ޔޯގާ ދުވަސް ފާހަގަ ކުރުމަށް ޖޫން 21، 2022 ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލަައިގައި ދައުލަތުން އުފުލި ބައެއް ދައުވާތައް އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މި މައްސަލާގައި ޕީޖީ އޮފީހުން ވަނީ ބައެއް ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން 18 މީހެއްގެ މައްޗަށް ދައުވާތަކެއްކޮށްފައެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދު އަދި ޝައިހް އާދަމް ނިޝާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ކޮށްފައިވާ ދައުވާތައް މުރާޖައާކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވި ކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށް ދާނީ 7 މީހެއްގެ މައްޗަށް ކުރާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާތަކެވެ.

އެއީ:

  • ‎އަބްދުﷲ ރިފާއު - ތ. ތިމަރަފުށި، ނަރުގިސްވިލާ
  • ‎އަބޫބަކުރު ފާރިއު - ނ. މިލަދޫ، ކާރނޭޝަންމާގެ
  • ‎އަހްމަދު އަކްސަމް‎ - ރ. ކަނދޮޅުދޫ، އަލަމާގެ
  • އަހްމަދު ނަސޫހް - ގއ. މާމެންދޫ، އަސްރަފީވިލާ
  • ހަސަން ޝިފާޒު - މ. ކުދެހިގެ
  • ‎ޝަބިމް އާދަމް - ފ. ދަނބުރުދޫ، އާބާދީގުލްޝަން
  • ‎މުހައްމަދު ޒިލިއަން - މއ. ކަނުހުރާ

ޕީޖީ އޮފީހުން ބުނީ ދައުވާތައް މުރާޖައާ ކުރުމުގައި މި ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިން ކަމަށްވުމާއި މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި ދައުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި ދައުވާލިބޭ ފަރާތްތަކުން މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.